ޚަބަރު

މާލޭގެ ރަށްވެހިންނަށް 4000 ގޯތި ހަމަޖައްސަދޭނަން: ރައީސް


އަތޮޅުތަކުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާއިރު، މާލޭގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

23 ރަށުގެ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށުން، މިއީވެސް ސަރުކާރުގެ ބޮޑު ބުރަ މަސައްކަތެއްކަމަށެވެ. މިއާއެކު ސައުކާރުން ދެން އިސްކަމެއް ދީގެން ކުރިއަށްގެންދަނީ މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ އަސާސީ ޚިދުމަތްތަކުގެ ތެރެއިން މި ސަރަޙައްދަށް އެންމެ މުހިންމު މަސައްކަތް ކަމަށާއި، އަދި ރައްޔިތުން އެމަނިކުފާނާ ހަމައަށް އެންމެ ގިނައިން ގެންނަ ކަންބޮޑުވުންކަމަށްވެސް ވިދާޅުވިއެވެ. އަދި ބައެއް ފަރާތްތަކުން ސިޔާސީ ފައިދާއެއް ހޯދުމަށްޓަކައިވެސް މިވާހަކަތައް ދައްކަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ސަރުކާރުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ގެންނާނަން. މިހާރުވެސް 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށްދޭ. މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫޢު ރާވާފަ އޮތީ. ގުޅީފަޅު އެކަންޏެއް ނޫން، ހުޅުމާލެއާ އެހެން ފަޅުންވެސް. 1000 ގޯޗެއް ނޫން، އޭގެ ދެގުނަ ތިންގުނަ ހަތަރުގުނަ މާލޭ ރައްޔިތުންނަށް ޢަމާޒުކޮށް ދޭނަން." ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ޖޫން މަހު ރައީސުލްޖުމްހޫިިއްޔާވަނީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 4000ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ.

މާލެ ސަރަޙައްދަށް ޚާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރުވެސް ހައުސިންގގެ ގިނަ މަޝްރޫޢުތަކެއް ފަށައިގެންދަނީ ކުރިއަށެވެ.