ޚަބަރު

ލާމަރުކަޒީ ސިޔާސަތުގެ ކާމިޔާބާއެކު ރާއްޖޭގެ ސިޔާސީ ކުރިމަގު ފެންނަނީ އުޖާލާކޮށް: ނާއިބުރައީސް


ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ކާމިޔާބީއާއެކު ރާއްޖޭގެ ސިޔާސީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ 59 ވަނަ އަހަރީދުވަހުގެ މުނާސަބާގައި ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ޚާއްޞަ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަން ދެއްކެވި ވާހަކަފުޅުގައެވެ.

"ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ދިވެހިރާއްޖޭ ގެ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަޑުގެ ހުރިހާ މުވައްޒަފުންނަށް ފޮނުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ސިޔާސީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާ ކުރިމަގެއްގޮތުގައިކަމަށެވެ.

"ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލްތަކަށް މިވަނީ ވަރަށް ފުރިހަމަ ތަނަވަސް ބާރުތަކެއް ދެވިފައި، މިއާއެކެ ރަށްރަށް ކުރިއަރައިގެންދާއިރު، ސަރުކާރުގެ ވިސްނުން ހުރީ އެމީހަކު ލޯބިވާ ފަސްގަނޑުގައި އެމީހެއްގެ އާއިލާއާއެކު ދިރިއުޅުމަށް ފުރުޞަތު ތަނަވަސްކޮށްދިނުން" ނާއިބު ރައީސް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ލޯފަންކުދިން ތަޢުލީމީ ނިޒާމަށް ވެއްދުމަށް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތް ފާހަގަކުރައްވާފައެވެ.

މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ހަޔާތްޕުޅުގެ ވާހަކަތައްވެސް އެހުންތެރިންނާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ކުޑައިރުގެ ދިރިއުޅުއްވުމާ ސްކޫލު ދައުރުގެ ކަންކަމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި، އެމަނިކުފާނުގެ އާއިލާގެ ބައެއް މެންބަރުންނާއި، އެކުވެރިންނާއި އަރިސް ބޭފުޅުންނާއި އަދި ޢާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުޞަތުދިން ފަރާތްތަކާ ވެސް އެ މަނިކުފާނު ވަނީ ޕްރޮގްރާމުގެ ތެރެއިން ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އަދި އެމަނިކުފާނު ކުޅިވަރުގެ ދާއިރާއަށް ބަހައްޓަވާ ޝައުޤުވެރިކަން ވަރަށް ތަފްޞީލުކޮށް ޙިއްޞާކުރައްވައި، ޚާއްސަކޮށް ވޮލީ ކުޅުއްވަން ކުޑައިރުއްސުރެ ހުންނަ ޝައުޤުވެރިކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި ކުޅިވަރަކީ ކިޔެވުމާއެކު ކުރިއަށްގެންދަން މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވެވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ އާއިލީ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ހަޔާތުގައި ކާމިޔާބު މީހަކަށް ވުމުގައި އާއިލީ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވެވިއެވެ.

ދިވެހިރާއްޖޭގެ 59 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމަނިކުފާނު މިއަދު ހެނދުނު ދިވެހިރާއްޖޭގެ އަޑަށް ވަޑައިގެންވަނީ އެތަނުގެ ގޯތި ތެރޭގައި ގަހެއް އިންދަވައިދެއްވިއެވެ. އަދި މުވައްޒަފުންނާއެކު ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ.