ޚަބަރު

ވިއެޓްނާމުގެ ސިނާޢީ އުފެއްދުންތެރިކަން 5 އިންސައްތަ އިތުރު: އެކްސްޕޯޓު މައްޗަށް


ވިއެޓްނާމުން މިއަހަރު މުދާ އެކްސްޕޯޓުކުރި މިންވަރު 19.0 އިންސައްތަ އިތުރުވާނެކަމަށް އެޤައުމުގެ ދިރާސާ ރިޕޯޓުތަކުން ދައްކައިފިއެވެ.

ވިއެޓްނާމުގެ ޖެނެރަލް ސްޓެޓިސްޓިކްސް އޮފީހުން މިއަދު ނެރުނު ހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރު އެކްސްޕޯޓު މުދަލުގެ އަގު 336.25 ބިލިއަން ޑޮލަރަށް އަރާނެއެވެ. އަދި މިއަހަރު އެޤައުމުން އިމްޕޯޓު ކުރާ މުދަލުގެ އަގު 332.25 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރާއިރު، ފައިދާގެ ގޮތުގައި 4 ބިލިއަން ޑޮލަރު ޖެހޭނެކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ސްޓެޓިސްޓިކްސް އޮފީހުން ހާމަކުރާގޮތުން މި ޑިސެމްބަރުމަހުގެ މުދާ އެކްސްޕޯޓުކުރި މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު 24.8 އިންސައްތަ ވަނީ އިތުރުވެފައެވެ. މިއާއެކު ޑިސެމްބަރުމަހު އެކަނިވެސް އިމްޕޯޓު މުދަލާއި އެކްސްޕޯޓު މުދާ އަޅާކިޔާއިރު ވިޔަފާރީގެ ފައިދާ 2.54 ބިލިއަން ޑޮލަރަށް އަރާކަމަށް އެ އޮފީހުން ހާމަކުރެއެވެ.

ވިއެޓްނާމުގެ ސަރުކާރުން ޢާއްމުކޮށްފައިވާ ހިސާބުތަކަށްބަލާއިރު އެޤައުމުގެ ސިނާޢީ އުފެއްދުންތެރިކަން މިއަހަރު ވަނީ 4.8 އިންސައްތަ ކުރިއަރާފައެވެ. ޢާއްމުކޮށް ވިއްކާ މުދަލުގެ އަގު ނުވަތަ ކޮންސިއުމަރ ޕްރައިސް އުފުލިފައިވަނީ 1.84 އިންސައްތައަށެވެ.

މި ރިޕޯޓުތައް ތައްޔާރުކޮށްފައިވަނީ ވިޔަފާރީގެ އަހަރީ ހިސާބު ނިންމާ މުއްދަތުގެ ކުރިން ކަމަށްވާތީ މި ޢަދަދުތަކަށް ކޮންމެވެސްވަރެއްގެ ބަދަލުތަކެއް އައިސްދާނެކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.