ޚަބަރު

އިންޑޮނޭޝިޔާއިން ތެޔޮ އުފައްދާ މިންވަރު %2.6 އިތުރުވާނެ ކަމަށް ލަފާކޮށްފި


އިންޑޮނޭޝިޔާގައި ޕާމް އޮއިލް އުފައްދާ މިންވަރު އަންނަ އަހަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިންޑޮނޭޝިޔާގެ އެސްޓޭޓް ކްރޮޕް ފަންޑުގެ އިސްވެރިޔާ، އެޑީ ޢަބްދުލްރަޙްމާން، ވިދާޅުވީ 2022 ވަނަ އަހަރު އެޤައުމުން އުފައްދާ ސާފުނުކުރާ ޕާމް އޮއިލްގެ މިންވަރު 2.6 އިންސައްތަ އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން މިއަހަރަށް ލަފާކުރި 49.71 މިލިއަން ޓަނުގެ ބަދަލުގައި، އަންނަ އަހަރު 51.01 މިލިއަން ޓަނުގެ ސާފުނުކުރާ ތެޔޮ އުފެއްދޭނެކަމަށް ޢަބްދުލްރަޙްމާން ވިދާޅުވިއެވެ.

އިންޑޮނޭޝިޔާއިން ތެޔޮ އުފައްދާ މިންވަރު އިތުރުވާނެކަމަށް ލަފާކުރާއިރު، އަންނަ އަހަރު ތެލުގެ އެކްސްޕޯޓަށް އޮތް ޑިމާންޑުވެސް، މިއަހަރަށްވުރެ އިތުރުވަމުން އަންނަކަމަށް އެޤައުމުން ފާހަގަކުރެއެވެ. އެގޮތުން މިއަހަރު 27.08 މިލިއަން ޓަނުގެ ތެޔޮ އެކްސްޕޯޓު ކުރެވޭނެކަމަށް އަންދާޒާކޮށްފައިވާއިރު، ކުރިއަށް އޮތް އަހަރު މި ޢަދަދު 27.9 މިލިއަން ޓަނާއި ގާތްކުރާނެކަމަށް އިންޑޮނޭޝިޔާގެ އޮފިޝަލުން ހާމަކުރެއެވެ.

2022 ވަނަ އަހަރު އިންޑޮނޭޝިޔާގެ އެތެރޭގެ ބާޒާރުގައި ތެލުގެ ޑިމާންޑު 0.3 މިލިއަން ޓަނުގެ އިތުރުވުމަކާއެކު، 11.4 މިލިއަން ޓަނަށް އަރާނެކަމަށް އެޤައުމުން ލަފާކުރެއެވެ.