ހިއްކައިގެން ރަށްރަށަށް އިތުރުކުރާ ބިންތަކުގެ ބޭނުން ކައުންސިލްތަކުން ހިފަންވާނީ ރައްޔިތުންނާއި މަޝްވަރާކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ކަންކަން ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދަޢުލަތުގެ ބަޖެޓުން 128 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން މާފުށްޓަށް އިތުރުކުރެވުނު ބިން ބޭނުންކުރަން ކައުންސިލުން ނިންމަންވާނީ ރައްޔިތުން އެންމެ ބޭނުންވާގޮތަށް ކަމަށެވެ.
ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކާއެކު، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލެވިފައިވާކަމަށާއި، އެގޮތުން ހިންގުމުގެ ދާއިރާއާއި، މާލީ ފުދުންތެރިކަމުގެ ދާއިރާއާއި ފައިސާ ހޯދުމުގެ ބާރުވެސް ކައުންސިލްތަކަށް ދޫކުރެވިފައިވާއިރު ކަންކަން ނިންމާއިރު ރައްޔިތުންނަށް ފައިދާވާގޮތަށް ކަންކަން ރޭއްވެވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
"ޕިކްނިކް އައިލެންޑް ބޭނުންވެސް ރައްޔިތުންނަށް ހިފެންޖެހޭނެ. ހިއްކި ބިމުގެ މަންފާއާ ފައިދާވެސް ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު މާފުށީގައި ފެށިގެން ދިޔަ ގެސްޓް ހައުސް ވިޔަފާރި ފުޅާވެ، ރާއްޖޭގެ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓާ އެއްގޮތަށް ގެސްޓް ހައުސް ވިޔަފާރިވެސް ނަމޫނާ ވިޔަފާރިއަކަށް ވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއާއެކު އެވިޔަފާރި އިތުރަށް ކުރިއެރުވުމަށްޓަކައި މާފުށްޓަށް ބޭނުންވާ މުހިންމު ކަންތައްތަކެއް އަދިވެސް ހުރިކަމަށް ވިދާޅުވެ ރައީސްވަނީ އެކަންކަން އަންނަ އަހަރުގެ ތެރޭގައިވެސް ފުރިހަމަވެގެންދާނެކަމަށެވެ.
އެގޮތުން މިހާރުވެސް ޞިއްޙީ މަރުކަޒު ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތްތަނުގައި ގިނަ ޚިދުމަތް ލިބޭތަނަކަށް މާފުށީ ސިއްޙީ މަރުކަޒު ވެގެންދާނެކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި އެމަރުކަޒުގެ އިމަރޖެންސީ ރޫމާއި، ޕްރައިވެޓް ރޫމްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ކުނި މެނޭޖްކުރުމާއި، ބަނދަރުވެސް މިހާރަށްވުރެ ފުރިހަމަވާން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަދުވެސް އަޅުގަނޑު ބަލާލިއިރު، މިރަށުގައި 1600އަށްވުރެ ގިނަ ޓޫރިސްޓުން މިވަގުތު އެބަތިބި. ފުރާދުއްވާ އުޅަނދުފަހަރު އެހާގިނަ. ކުރިއަށްއޮތް އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެންވާނީ މިރަށުގެ ބަނދަރު ބޮޑުކުރަން ހިމަނާފައި. އިރާދަކުރެއްވިއްޔާ އަހަރު ފެށިގެން ފުރަތަމަ މަސައްކަތް ފަށާ ބަނދަރަކަށް މާފުށީ ބަނަދަރު ހެދުމަށް މިނިސްޓްރީން އިސްކަންދޭނެ" ރައީސް ވިދާޅުވިއެވެ.
އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މާފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގައި އެރަށު ފަޅުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 1100 ހެކްޓަރުގެ ސަރަޙައްދެއް ވަނީ ޙިމާޔަތްކޮށްފައެވެ. އަރޓިފިޝަލް ރަށެއްގެ ގޮތުގައި ހެދި މާފުށީ ޕިކްނިކް އައިލެންޑަކީ ރަށުގެ ފަޅުތެރެއިން 2 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީ ކުރި ރަށެކެވެ.