ޚަބަރު

300 މީހުންގެ އޭސީ މިސްކިތެއް ދިޔަމިގިލީގައި އަޅަނީ


300 މީހުންނަށް އެއްފަހަރާ ނަމާދަށް އެރޭވަރުގެ މިސްކިތެއް ތ. ދިޔަމިގިލީގައި އިމާރާތްކުރަން ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ތ. ދިޔަމިގިލީގައި އިމާރާތްކުރާ މި މިސްކިތުގައި އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭނެއެވެ. އަދި އަންހެނުންނަށް ހާއްސަ ބައެއްވެސް މިސްކިތުގައި ހުންނާނެއެވެ.

ދައަުލަތުގެ ބަޖެޓުން 8.8 މިލިއަން ރުފިޔާ ޙަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މި ފެށޭ އަހަރުއެވެ. އެއްބަސްވުމުގައިވާ ގޮތުން އެއް އަހަރު ދުވަހުގެ ތެރޭގައި މިސްކިތް ނިންމާ އެއްކޮށް ހަވާލުކުރަންޖެހެވެ.

މިއަހަރު ކުރަހާފައިވާ ޑިޒައިނަކަށް އިމާރާތްކުރާ މި މިސްކިތް ނިމޭއިރު އިއާދަކުރެނެވި ޙަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ނަމާދުކުރާ ބައިގެ އިތުރުން ވުޟޫކުރާ ބަޔަކާއި ފާހާނާއެއްގެ އިތުރުން ގުދަނެއްވެސް މިސްކިތުގައި ހުންނާނެއެވެ.

މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަދި އެކްޓިން ޕާމަނަންޓް ސެކެޓްރީ އަލްފާޟިލް ޢަބްދުލް ޢަޒީޒް އިސްމާޢިލްއެވެ. އަމޭން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ އެކުންފުނީގެ ޑިރެކްޓަރ މުރުޝިދާ އަލިމަނިކެވެ.