ޚަބަރު

ހުޅުމީދޫ ބަހާއުއްދީން މަގު ތަރައްޤީކުރުން، ބޮޑު ތަކުލީފެއްގެ ނިމުން


އުމްރާނީގޮތުން ރާއްޖެ ހޯދަމުން އަންނަ ކުރިއެރުންތަކާއެކު، އަތޮޅުތަކުގައި މީގެކުރިން ނުފުދިހުރި އެތައްކަމެއް ނިމި، ޚިދުމަތްތަކުގެ މަންފާ ރައްޔިތުން އަންނަނީ ހޯދަމުންނެވެ. ބޯހިޔަވަހިކަމާއި ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމުން ފެށިގެން މަގުތަކުގެ މައްސަލަ ޙައްލުކޮށްދިނުމަށް ގެންދާ މަޝްރޫޢުތައް ފާހަގަކޮށްލެވެއެވެ.

މިފަދަ މަސައްކަތްތައް ކުރިއަށްދާ އެއް ރަށަކީ އައްޑޫ ސިޓީ ހުޅުދުއާއި މީދޫއެވެ. މިއީ 7000 އެއްހައި މީހުންގެ އާބާދީއެކެވެ. ގުޅިފައިވާ ރަށްތަކާ ވަކިންއޮންނަ މި ދެރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ސަރުކާރުން އަންނަނީ ބޮޑެތި ހޭދަތައް ކުރަމުންނެވެ. އެދެރަށުގެ ރައްޔިތުންވެސް އެންމެ ބޮޑަށް އެދިއެދި ތިބި، އެއްކަމަކީ ރަށުގެ ބޮޑު މަގުގައި ފެންބޮޑުވާ މައްސަލަ ޙައްލުވެ، ވިއްސާރައިގައި ރައްޔިތުން އުފުލަމުންދިޔަ ތަކުލީފަށް ނިމުމެއް އައުމެވެ.

"މިމަގު ކުރިން އޮތްގޮތް ސިފަކުރަނީ، ހުރިހާ ގޮތަކުންވެސް ބޭނުންކުރަން ވަރަށް ދަތި މަގެއްގެ ގޮތުގައި. ޚާއްސަކޮށް ވާރޭ ވެހިއްޖެނަމަ މުޅި މަގުތަކުގައި ފެން ބޮޑުވޭ.، ޗަކަވެ ބޭނުން ނުުކުރެވޭ ހިސާބަށްދޭ. ސްކޫލަށް ކުދިން ގެންދިއުމާ އޮފީސްތަކަށް ދާން ވަރަށް އުނދަގު". ރަށުން ރައްޔިތުން ފާހަގަކުރެއެވެ.

ބަހާއުއްދީން މަގަކީ ހުޅުދުއާއި މީދުއިން އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގައި، ދެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންކުރަމުންއައި މަގެވެ. މި މަގަކީ 2.2 ކިލޯ މީޓަރު ދިގު، 8.8 މީޓަރު ފުޅާ މަގެކެވެ. މިއީ ރައްޖޭގެ ރަށްތަކުގެ ނިސްބަތުން ބަލާއިރު، ދިގު މަގެކެވެ.

ބަހާއުއްދީން މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީއާ ހަވާލުކޮށްގެންނެވެ.
ބަހާއުއްދީން މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފަށްޓަވައިދެއްވީ 2019ވަނަ އަހަރުގެ އޭޕްރީލްމަހުއެވެ. ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމާއެކު، ރަށުގެ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެހުމުގެ އުއްމީދު އާވިއެވެ. އެތައްދުވަހެއްގައި އުފުލި ތަކުލީފުތަކަށް ނިމުމެއް ގެނައުމުގެ މަސައްކަތް ފެށުނީއެވެ.

ރަށުގެ މުހިންމު ގިނަ ޚިދުމަތްތައް ޤާއިމުވެފައި ހުރީވެސް މިމަގުގައެވެ. ސްކޫލާއި ކައުންސިލާއި އެކި އިދާރީ ޚިދުމަތްތައް ދޭ އޮފީސްތައް ހުރީ އެމަގުގައެވެ. ރަށުގެ ބޮޑު މަގު ބޭނުންކުރުމުގެ ދަތިކަމުގެ މައްސަލަ ޙައްލުވެ، އެރަށުގެ ރައްޔިތުން އެތަށް ދުވަހެއްގެ އުއްމީދު މިހާރުވަނީ ފުރިހަމަވެފައެވެ.

"މިހާރު މަގު ބޭނުންކުރަން ވަރަށް ފަސޭހަ. އެންމެ ޒަމާނީ މަގެއް. ޚާއްސަކޮށް މަގުތައް އަޑިގުޑަންވެ ލިބުނު ގެއްލުންތަކާ، ފެންބޮޑުވުމުގެ މައްސަލަ ޙައްލުވެއްޖެ." ރަށުގެ ރައްޔިތަކު ފާހަގަކުރިއެވެ.

ބަހާއުއްދީން މަގު ތަރައްޤީކޮށްފައިވަނީ ތާރު އަޅައިގެން އެންމެ ޒަމާނީ ފެންވަރަށް، ފުރިހަމަ މަގެއްގެ ގޮތުގައެވެ. މިމަގުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލީ 2020ވަނަ އަހަރުގެ ޖޫން މަހުއެވެ. މިއަދު އެ މަގަކީ ރާއްޖޭގައިވެސް އެންމެ ފެންވަރު ރަނގަޅުކޮށް، ފުރިހަމަކޮށް ތަރައްޤީކޮށްފައިވާ އެއް މަގެވެ.

ރައްޔިތުން އެންމެ ބޭނުންވި ކަމަކީ ބަހާއުއްދީން މަގުގައި ފެންބޮޑުވާ މައްސަލައަށް ޙައްލު ގެނައުމަށެވެ. މިއީ މި ޕްރޮޖެކްޓް ފަރުމާކުރުމުގައިވެސް އެންމެ އިސްކަންދިން މަސައްކަތެކެވެ. އެގޮތުން 2.2 ކިލޯމީޓަރުގެ މި މަގުގައި ފެން ހިންދުމަށްޓަކާ 2 ޕަމްޕް ސްޓޭޝަން ބަހައްޓާފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއެވެ. ބަހާއުއްދީން މަގަކީ އެމްޓީސީސީން ނިންމާލި މަގު ހެދުމުގެ އެންމެ ބޮޑު ޕްރޮޖެކްޓެވެ.

" މަގު ހަދާފައި މިވަނީ ވެހޭ ވާރޭފެން ކަލެކްޓްކޮށް ރަށުން ބޭރުކުރެވޭނެ ރަނގަޅު ނިޒާމަކާއެކު. މަގުގެ ދެ ހިސާބެއްގައި ޕަމްޕް ސްޓޭޝަންތައް ހަދާ ފެން ކަލެކްޓްކޮށް ބޭރުކުރެވޭނެ. އައުޓްފޯލްތައް ނިމި، މިހާރު ފުރިހަމަ ނިޒާމެއްގެ ގޮތުގައި ދަނީ ބޭނުންކުރަމުން." އެމްޓީސީސީގެ ސައިޓް ސުޕަވައިޒަރ ޒަޔާން ވިދާޅުވިއެވެ.

މީގެއިތުރުން މަގުގެ 10 ހިސާބެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާ، މަގުމަތީގެ ނިޝާންތައް ކުރެހުމާ، ގަވައިދު ނިޝާންތައް މަގުތަކުގައި ހަރުކުރުން ހިމެނެއެވެ. އަދި ހިނގާ މީހުންނަށް 6060 އަކަމީޓަރުގެ ސަރަޙައްދެއް ޚާއްސަކޮށްފައި ވެއެވެ. މީގެއިތުން މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަށް 41 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.

މި މަޝްރޫޢު ވެގެން ގޮސްފައިވަނީ ދެރަށުގެ ރައްޔިތުންގެ އުންމީދާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢުއަކަށެވެ. ރައްޔިތުންގެ އުއްމީދަކީ ރަށުގެ އެތެރޭގެ މަގުތައްވެސް މި ފެންވަރަށް ހެދިގެން ދިއުމެވެ.