ޚަބަރު

އިންޓަރނެޓުގެ ޚިދުމަތް ފުޅާކުރުމަށް 36 ސެޓެލައިޓު ލޯންޗްކޮށްފި


އިނގިރޭސިވިލާތުގެ ޓެކް ކުންފުނި ވަންވެބް އިން މުވާޞަލާތީ 36 ސެޓެލައިޓު ލޯންޗްކޮށްފިއެވެ.

ކަޒަކިސްތާނުގައި ހުންނަ ސްޕޭސް ޕޯޓުން ހޯމަދުވަހު ލޯންޗުކުރި މި ސެޓެލައިޓުތަކަކީ 2022ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ސެޓެލައިޓް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަރނެޓްގެ ޚިދުމަތް ދިނުމުގެގޮތުން ވަންވެބް ކުންފުނިން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ 12ވަނަ ލޯންޗިންއެވެ.

ރޮކެޓެއްގެ ޒަރިއްޔާއިން ޖައްވަށް ފޮނުވި މި ސެޓެލައިޓުތައް ވަކިކުރުމަށް ހަމަޖެހިފައިވަނީ ބައިބަޔަށް ކަމަށް ނޫސްތަކުން ރިޕޯޓުކުރެއެވެ.

ވަންވެބުން ހާމަކުރާގޮތުގައި މިފަހަރުގެ ލޯންޗް އަކީ ފަރަންސޭސިވިލާތުގެ ސެޓެލައިޓް ލޯންޗްކުރާ ކުންފުނި އެރިއަންސްޕޭސް އާ ގުޅިގެން ވަންވެބުން މިއަހަރަށް ތާވަލުކުރި 8 ލޯންޗް ގެ އެންމެ ފަހުބުރެވެ. އެކުންފުނިން ހާމަކުރާގޮތުން، ރަޝިޔާގެ އެންމެ އިރުމަތީ ސަރަޙައްދުން ލޯންޗްކުރާ ސެޓެލައިޓުތަކުގެ ސަބަބުން، 50 ޑިގްރީ އުތުރު ލެޓިޓިއުޑް ގައި ހިމެނޭ ހުރިހާ ސަރަޙައްދަކަށް ސްޕީޑް އަވަސްކޮށް އިންޓަރނެޓުގެ ޚިދުމަތް ދެވޭނެއެވެ.

ވަންވެބުން ސެޓެލައިޓް ލޯންޗްކުރުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، އަލުން ފަށާފައިވަނީ މިދިޔަ ޑިސެމްބަރމަހު އެވެ. ޖައްވުގެ ތިރީ ފަށަލަ ނުވަތަ ލޯ އާރތް އޯރބިޓް އަށް ފޮނުވާ މި ސެޓެލައިޓްތައް ބޭނުންކޮށްގެން ބްރޯޑްބޭންޑް އިންޓަރނެޓް ގެ ފުރިހަމަ ޚިދުމަތް ދިނުމަށް ވަންވެބް އިން ކަނޑައަޅާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، އުތުރު ޔޫރަޕު، ކެނެޑާ، އާކްޓިކް ކަނޑުގެ ސަރަޙައްދު، އަދި އެމެރިކާ ބައްރު ހިމެނެއެވެ.