ޚަބަރު

މެކްސިކޯއިން އިސްނަގައިގެން ކެރީބިއަންގެ ޤައުމުތަކުގައި ވަޒީފާ އުފެއްދުމުގެ ޕްރޮގްރާމްތަކެއް


ކެރީބިއަން ޤައުމުތަކުގައި ވަޒީފާ އުފެއްދުމަށްޓަކައި ޚާއްޞަ ޕްރޮގަރާމްތަކެއް ހިންގުމަށް މެކްސިކޯއިން ތައްޔާރުވެފައިވާކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރައްވައިފިއެވެ.

ދެކުނު މެކްސިކޯ އާއި ސެންޓްރަލް އެމެރިކާގެ ޤައުމުތަކަށް މެކްސިކޯގެ ރައީސް އަންދްރޭސް މެނުއެލް ލޯޕޭޒް އޮބްރަޑޯ އިސްނަންގަވައިގެން ހުޅުވާލާފައިވާ މި ސްކީމަކީ މި ސަރަޙައްދުގެ ފަޤީރު ޤައުމުތަކުން މީހުން ހިޖުރަކުރުން މަދުކުރުމުގެގޮތުން ޤައުމުތަކަށް އެހީވުމަށް އެކުލަވާލާފައިވާ ސްކީމެއް ކަމަށް މެކްސިކޯގެ އޮފިޝަލުން ހާމަކުރައްވައެވެ.

ގަސް އިންދުމާ ގުޅޭ ޕްރޮގްރާމަކާއި، ޒުވާނުން މަސައްކަތަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ހިމެނޭހެން ވަޒީފާ އުފެދިގެންދާގޮތަށް ތައްޔާރުކޮށްފައިވާ ސްކީމުގައި ބައިވެރިވުމަށް ބައެއް ޤައުމުތަކާއެކު މިހާރުވެސް އެއްބަސްވެފައިވާކަމަށް މެކްސިކަން އޭޖެންސީ ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ގެ އެގެޒެކެޓިވް ޑިރެކްޓަރ ލައުރާ އެލީނާ ކަރިއޯ މަޢުލޫމާތުދެއްވައެވެ. އެގޮތުން ހެއިޓީ އާއި ކިއުބާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، ޑޮމިނިކަން ރިޕަބްލިކް އާއެކު އަވަސް މުސްތަޤްބަލެއްގައި މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްތައް ހިންގުމަށްޓަކައި ވަޒީފާ އުފެއްދުމުގެ ސްކީމްގައި ބައިވެފައިވާ ކޮންމެ ޤައުމަކަށް 31 މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައިވާ ކަމަށާއި، ތަރައްޤީގެ ސްކީމްތަކުގައި ޙިއްސާވުމަށް އެމެރިކާއަށް ގޮވާލާފައިވާނެކަމަށް މެކްސިކޯގެ އޮފިޝަލުން ހާމަކުރައްވައެވެ. އަދި މިކަމަށް އިޖާބަދީ، އެމެރިކާ ސަރުކާރުން އެއްބާރުލުން ދޭނެކަމަށް ބުނެފައިވާކަމަށް މިދިޔަމަހު މެކްސިކޯގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ލިޔެކިޔުމެއް ނެތި ހިޖުރަކުރަން އުޅުމުގެތެރޭގައި އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރުން ހިފަހައްޓާފައިވާ މީހުންގެ ޢަދަދު މިއަހަރު ވަނީ ރިކޯޑު ޢަދަދަކަށް އިތުރުވެފައެވެ. އޭގެތެރޭގައި ގިނަ ޢަދަދަކަށް ކިއުބާގެ ރައްޔިތުންނާއި ހެއިޓީ އަށް ނިޞްބަތްވާ މީހުން ހިމެނެއެވެ. އެހެންކަމުން މިގޮތަށް ހިޖުރަކުރާ ކުރުން މަދުކުރުމަށްޓަކައި ވަޒީފާ އުފެއްދުމަށް މެކްސިކޯއިން އިސްނަގައިގެން ކަނޑައަޅާފައިވާ ސްކީމު ޚާއްޞަކޮށްފައިވަނީ ދެކުނު މެކްސިކޯ ސަރަޙައްދަށާއި، ގުއަޓެމާލާ އާއި، ހޮންޑޫރާސް، އަދި އެލް ސަލްވަޑޯރ ފަދަ ޤައުމުތަކަށް ކަމަށް މެކްސިކޯ ސަރުކާރުން ހާމަކުރައްވައެވެ.