ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަން ހުޅުވާލައިފި


ބީލަމުގެ އުސޫލުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ގޯތި ވިއްކަން ހުޅުވާލައިފިއެވެ. މި ބުރުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ހަމަޖެހިފައިވަނީ، 1،603.07 (އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި، 2،633.82 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް އަށެއް ދޭއް) އަކަފޫޓާއި ދެމެދުގެ، ޖުމްލަ 60 ބިމެވެ.

މީގެ ތެރޭގައި ހިމެނެނީ އަތިރިމަތިން 26 ގޯއްޗާއި، އަތިރިމައްޗާ ކައިރިން 34 ގޯއްޗެވެ. މިފަހަރު ހުޅުވާލާ ފުރުޞަތުގައި އިސްކަން ދޭނީ އަލަށް ބިން ގަންނަ ފަރާތްތަކަށްކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނުވާ މީހުންނަށެވެ. ކޮންމެ މީހަކަށްވެސް ގަނެވޭނީ އެއް ބިމެވެ. އިތުރަށް ހިމެނޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، 18އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެއެވެ.

ބިން ގަތުމަށް ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީ ކުރެވޭނީ 2 ޖަނަވަނީ 2022އިން ފެށިގެން، 31 ޖަނަވަރީ 2022ގެ ނިޔަލަށެވެ.

ދޫކުރާ ގޯތިތަކުގެ ތެރެއިން ބީޗް ފްރަންޓުން ކަނޑައެޅިފައިވާ ބިންތަކަށް އެދި ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ 09 ފެބްރުއަރީ 2022ވާ ބުދަ ދުވަހުއެވެ. އަދި ބީޗް ސައިޑުން ކަނޑައެޅިފައިވާ ބިންތަކަށް ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ 16 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުއެވެ.

މި ދެ ބާވަތުގެ ބިންތަކަށް ވެސް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 (ތިން ލައްކަ ވިހި ހާސް) ރުފިޔާ ދައްކަންޖެހޭނެއެވެ. 2017ވަނަ އަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް ހުޅުމާލޭ ފަޅުން 240 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. ދެވަނަ ފިޔަވަހި ޚާއްސަކުރަނީ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކަށެވެ. އިޤްތިޞާދީ ހަބުތައްވެސް ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

ދެވަމަ ފިޔަވަހީގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެން ފެށީ 2020ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެއީ އަމިއްލަ މީހުން ބިން ގަނެ، ތަރައްޤީކޮށްފައިވާ ގެތަކުގައެވެ.

ދެވަނަ ދިޔަވަހީގައި މިހާތަނަށް ކުރިއަށްގެންދިޔަ އެންމެ ބިޔަ މަޝްރޫޢުއަކީ ހިޔާ ހައުސިންގ މަޝްރޫޢެވެ. މި މަޝްރޫޢުގައި 6720 ހައުސިންގ ޔުނިޓް ތަރައްޤީކޮށްފައިވެއެވެ. ހިޔާ ފްލެޓަށް މިހާތަނަށް 5000އަށްވުރެ ގިނަ އާއިލާވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ.