ޚަބަރު

2022ގައި ދުނިޔޭގެ އިޤްތިޞާދު ފުރަތަމަ ފަހަރަށް 100 ޓްރިލިއަން ޑޮލަރަށްވުރެ މަތިވާނެ: ދިރާސާ


ކުރިއަށް އޮތް 2022 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދީ އުފެއްދުންތެރިކަން ނުވަތަ އިކޮނޮމިކް އައުޓްޕުޓް ފުރަތަމަ ފަހަރަށް 100 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށްދާނެ ކަމަށް ދިރާސާ ރިޕޯޓުތަކުން ދައްކައިފިއެވެ.

މިކަން ހާމަކޮށް، އިޤްތިޞާދީ ދިރާސާކުރާ އިނގިރޭސިވިލާތުގެ އެޖެންސީއެއް ކަމަށްވާ ސެންޓަރ ފޯރ އިކޮނޮމިކް އެންޑް ބިޒްނަސް ރިސާރޗް އިން މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓުތައް ބުނާގޮތުން، ދުނިޔޭގެ އިޤްތިޞާދުގެ އެއްވަނައިގައި އޮތް އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު ޗައިނާއިން މި މަޤާމު ހޯދުމަށް ކުރިން ހީކުރިވަރަށްވުރެ ދިގު މުއްދަތެއް ނަގާނެއެވެ. އެގޮތުން ވޯލްޑް އިކޮނޮމިކް ލީގް ޓޭބަލްގެ ދިރާސާއާ ޚިލާފަށް، ޑޮލަރުން ބަލާއިރު ދުނިޔޭގެ އެއްވަނަ އިޤްތިޞާދަށް ޗައިނާ ވެގެންދާނީ 2030 ގައި ކަމަށް ލަފާކުރެވޭ ކަމަށް މި ރިޕޯޓުތައް ބުނެއެވެ.

2022 އަށް ބަލާއިރު އިންޑިއާގެ އިޤްތިޞާދު ފަރަންސޭސީވިލާތަށްވުރެ ކުރިއަށް ޖެހޭނެކަމަށާއި 2023 ގައި އިންޑިއާއިން އިޤްތިޞާދީ ހަރުފަތުގައި އިނގިރޭސިވިލާތަށްވުރެ ކުރިއަށްޖެހި، ދުނިޔޭގެ 6 ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް ވެގެންދާނެކަމަށް މި ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން އިޤްތިޞާދީ އުފެއްދުންތެރިކަމަށް ބަލާއިރު 2033 ގައި ޖަރުމަންވިލާތުން ޖަޕާނަށްވުރެ ކުރިއަރައި ދާނެކަމަށާއި، 2034 ވަނަ އަހަރު އިންޑޮނޭޝިއާ އޮންނާނެކަމަށް ބެލެވެނީ ބޮޑެތި އިޤްތިޞާދުތަކުގެ ލިސްޓުގެ 9 ވަނައިގައި ކަމަށް މި އޭޖެންސީން ހާމަކުރެއެވެ. 2036 ވަނަ އަހަރު ދުނިޔޭގެ އެންމެ ވަރުގަދަ 10 އިޤްތިޞާދުގެ ތެރޭގައި ރަޝިޔާ ހިމެނިގެން ދާނެކަމަށްވެސް މި ދިރާސާ ރިޕޯޓު ބުނެއެވެ.

މިރިޕޯޓުތަކާ ގުޅިގެން ސެންޓަރ ފޯރ އިކޮނޮމިކް އެންޑް ބިޒްނަސް ރިސާރޗްގެ ޑެޕިއުޓީ ޗެއަރމަން ޑޮގްލަސް މެކްވިލިއަމް ވިދާޅުވީ 2020ގެ އަހަރުތަކުގައި އެންމެ ބޮޑަށް ބަލާފައިވާނީ އިޤްތިޞާދުތަކަށް ދިމާވާ އިންފްލޭޝަނުން އަރައިގަންނަ ގޮތުގެ މައްޗަށް ކަމަށެވެ. އެގޮތުން މިހާރު އެމެރިކާގައި އިންފްލޭޝަން 6.8 އިންސައްތައަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުޑަވަރެއްގެ ބަދަލުތަކާއެކު އިޤްތިޞާދީ ގޮންޖެހުންތަކުން ސަލާމަތްވެވޭނެ ކަމަށް އުއްމީދުކުރާ ކަމަށާއި، އެނޫންނަމަ 2023 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދު މިސްރާބު އަނެއްކާވެސް ދަށަށް ޖެހުމުގެ ފުރުޞަތު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.