ޚަބަރު

ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯގައި މިފަހަރު މައިކްރޮސޮފްޓްވެސް ނުފެންނާނެ


ޓެކްނޮލޮޖީގެ އައު އީޖާދުތައް ދައްކާލުމަށް ލަސް ވޭގަސްގައި ބާއްވަމުން އަންނަ ކޮންސިއުމަރ އިލެކްޓްރޯނިކްސް ޝޯ ނުވަތަ ސީއީއެސްގެ 2022 ވަނަ އަހަރުގެ އިވެންޓުގައި ޢަމަލީގޮތުން ބައިވެރި ނުވާނެކަމަށް މައިކޮރޮސޮފްޓުން ހާމަކޮށްފިއެވެ.

ކޯވިޑުގެ ޙާލަތާއި ގުޅިގެން ގިނަ ކުންފުނިތަކުން އަންނަ އަހަރުގެ ސީއީއެސްގައި ބައިވެރި ނުވާން ނިންމާފައިވާއިރު، މައިކްރޮސޮފްޓުން ފޮނުވި އީމެއިލް އެއްގައި ބުނެފައިވަނީ، އެކުންފުނިން ކުރިއަށްއޮތް ސީއީއެސް އަށް ލަސް ވޭގަސްއަށް ނުދާނެކަމަށާއި، ނަމަވެސް ވަރޗުއަލްކޮށް ބައިވެރިވާނެ ކަމަށެވެ.

މައިކްރޮސޮފްޓްގެ އިތުރުން ގޫގުލް، އެމެޒޯން އަދި މެޓަ ޕްލެޓްފޯރމް ފަދަ ބޮޑެތި ކުންފުނިތަކުން މިދިޔަ ހަފްތާގައި ވަނީ ކުރިއަށްއޮތް ސީއީއެސްގައި ޢަމަލީގޮތުން ބައިވެރި ނުވާން ނިންމާފައިވާކަން އިޢުލާންކޮށްފައެވެ.

ދުނިޔޭގެ ބޮޑެތި ޓެކް އަދި އިލެކްޓްރޯނިކް ކުންފުނިތައް ބައިވެރިކޮށްގެން ކޮންސިއުމަރ ޓެކްނޮލޮޖީ އެސޯސިއޭޝަންގެ ފަރާތުން ބާއްވަމުން އަންނަ ޓްރޭޑް ޝޯގެ އަންނަ އަހަރުގެ އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 5 އިން 8ގެ ނިޔަލަށް، ލަސް ވޭގަސްގައި ކަމަށް އިވެންޓުގެ އޮފިޝަލުން ހާމަކުރައްވައެވެ. އަދި ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން މި އިވެންޓަށް ކަނޑައަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ބައިވެރިންގެ ވެކްސިން ފުރިހަމަ ކޮށްފައިވުން ލާޒިމުކުރުމާއި، މާސްކު ލިބެންހުރުމުގެ އިތުރުން، ކޯވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނާނެ ކަމަށް ސީއީއެސްގެ އޮފިޝަލުން ހާމަކުރައްވައެވެ.