ކުޅިވަރު

ކްރިގިސްތާން އަތުން އަންހެން ޓީމް ބަލިވެއްޖެ


ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ޤައުމީ އަންހެން ޓީމް ކިރްގިސްތާން އަތުން ބަލިވެއްޖެއެވެ. ގައުމީ އަންހެން ޓީމް ކުޅުނު ހަތަރުވަނަ މެޗުން އެޓީމް ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. އެއީ 25-17، 25-11 އަދި 25-20 އިންނެވެ. މިމެޗްގެ ކޮންމެ ސެޓެއްގައިވެސް ކްރިގިސްތާންއިން ކުޅެފައިވަނީ ލީޑްގައި އޮވެގެންނެވެ. މެޗްގެ ފުރަތަމަ ސެޓްގައި ކިރްގިސްތާނުން ބޮޑު ލީޑެއް ނެގި ނަމަވެސް، ރާއްޖެއިން ކުޅުން ރަގަނޅުކޮށް، ތިން ޕޮއިންޓާއި ހަމައަށް ކައިރި ކުރިއެވެ. ނަމަވެސް ރާއްޖެއަށް ކިރްގިސްތާނުގެ އެޓޭކްތަށް ހުއްޓުވޭ ގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅު ރާއްޖެއިން ލީޑެއް ނެގިއެވެ. ނަމަވެސް ރާއްޖެއަށް ލީޑު ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ލީޑްގައި ކުޅެމުންގޮސް ރާއްޖެއަށް މެޗްގެ ދެވަނަ ސެޓްވެސް ގެއްލުނީ 25-11އިންނެވެ. މެޗްގެ ތިންވަނަ ސެޓްގައިވެސް ކިރްގިސްތާނުގެ އެޓޭކްތައް ރާއްޖެއަށް ހުއްޓުވޭ ގޮތެއް ނުވިއެވެ. ތިންވަނަ ސެޓް 25-20 ކާމިޔާބުކޮށް، ކިރްގިސްތާނުން މެޗް ކާމިޔާބުކުރިއެވެ. މިމުބާރާތުގައި ރާއްޖެއިން މިހާތަނަށް 4 މެޗް ކުޅެފައިވާއިރު، މި 4 މެޗުންވެސް ވަނީ ބަލިވެފައެވެ.

މިމުބާރާތުގައި ތިންވަނަ މެޗްގައި ރާއްޖެ ވާދަކޮށްފައިވަނީ ސްރީލަންކާއާއިއެވެ. މިމުބާރާތުގައި ގައުމީ އަންހެން ޓީމް، އެޓީމް ކުޅުނު ތިންވަނަ މެޗްގައި ސްރީލަންކާ އަތުން ބަލިވެފަައިވަނީ ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތައް ލަންކާއިން ގެންދިޔައީ 25-17، 25-12 އަދި 25-14އިންނެވެ.

މިފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު ގައުމީ ޓީމަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. ގިނަ ތަޖްރިބާކާރު ކުޅުންތެރިން މިފަހަރު ޓީމާއެކު ނުދެއެވެ. އޭގެ ތެރޭގައި ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ފާތިމަތު ޖޫޒާން، އާއިޝަތު ޝައްފަ، ޒީނިޔާ މޫސާ އަދި އާއިޝަތު މާޖިދާ ފަދަ ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ޓީމާއެކު ނުދެއެވެ.

މިމުބާރާތުގައި ރާއްޖެއިން މިހާތަނަށް ތިން މެޗް ކުޅެފައިވާއިރު، ތިން މެޗުންވެސްވަނީ ބަލިވެފައެވެ. ފުރަތަމަ މެޗްގައި ވާދަކޮށްފައިވަނީ އުޒްބަކިސްތާނާ ދެކޮޅަށެވެ. އެމެޗް އުޒްބަކިސްތާން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. އަދި ދެވަނަ މެޗްގައި ރާއްޖެ ސީދާ ތިން ސެޓުން ބަލިވީ ނޭޕާލާއި ވާދަކުރި މެޗުންނެވެ. ފަހު މެޗްގައި ރާއްޖެ ނިކުންނާނީ ބަންގްލަދޭޝާއި ދެކޮޅަށެވެ. މިމުބާރާތުގައި 6 ޓީމް ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. އަދި ތިންވަނަ އަދި ހަތަރުވަނައަށް ދާ ޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.