ޚަބަރު

އޭސީސީގެ މެމްބަރުން ކޮމެޓީއަށް ޖަވާބުދާރީވެއްޖެ


އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުން ވަކިކުރުމުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް ދިން މުއްދަތުގައި މެމްބަރުން ކޮމެޓީއަށް ޖަވާބުދާރީ ވެއްޖެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ހުރިހާ މެމްބަރުން ވަކިކުރަން ނިންމައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވީ މިމަހުގެ 16ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. ކޮމިޓީން ވަނީ މެމްބަރުންނަށް ލިޔުމުން ޖަވާބުދަރީވުމަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށް އެކޮމިޝަނުގެ ހިމެނޭ އިބްރާހީމް ޝަކީލާއި ޢަލީ އަޝްރަފް ވަނީ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ.

އެހެންކަމުން އެކޮމިޝަނުގައި މިވަގުތު ތިއްބެވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު ޢަބްދުﷲ އެވެ. މިވަގުތު ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ހުންނެވީ ޗުއްޓީގައެވެ.

އޭސީގެ މިވަގުތު ތިބި މެމްބަރުން ވަކިކުރުމަށް ކޮމިޓީން ކުރައްވާ މަސައްކަތުގައި މެމްބަރުން ވަނީ ލިޔުމުން ޖަވާބުދާރީވެފައެވެ. މެމްބަރުން ދެއްވި ޖަވާބުތަކާއި ގުޅިގެން ކޮމެޓީ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި މެމްބަރުން ވަކިކުރުމާއިމެދު ކޮމެޓީން ވަކި ގޮތެއް ނިންމުމަށްވެސް ވަނީ ހަމަޖެހިފައެވެ.