ޚަބަރު

މަޙުމޫދު މަރާލި މައްސަލައިގެ މިއަދުގެ ޝަރީޢަތް ކެންސަލް


އދ.ދަނގެތީގައި ރަޙުމްކުޑަގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަޙްމޫދު އަބޫބަކުރު މަރާލިކަމަށް، އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ، ޝާ އަލޮމް މިއާގެ މައްޗަށްކޮށްފައިވާ ދައުވާތަކުގެ ޝަރީޢަތް ފެށުމަށް މިއަދު ތާވަލްކުރި އަޑު އެހުން ކެންސަލް ކޮށްފިއެވެ. މިއަދު 10:30އަށް ޝެޑިއުކުރި ޝަރީއަތް ކެންސަލްކުރި ސަބަބެއް ކްރިމިނަލް ކޯޓުން ވިދާޅުވެފައި ނުވެއެވެ.

ކްރިމިނަލް ކޯޓުގައި ފަށަނީ ޝާއަލޮމް މިއާގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއާއި، މައްޔިތާގެ ބޭނުން ނަހަމަ ޤޮތުގައި ކުރުމުގެ ކުށުގެ ދަޢުވާގެ ޝަރީޢަތެވެ.

މަޙްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 29 އަހަރުގެ ޝާ ޢާލޮމް މިއާ، މަޙުމޫދަށް ހަމަލާދީ މަރާލާފައިވަނީ ފައިސާގެ ބޭނުމުގައިކަން ތަޙުޤީގަށް އެނގިފައިވާކަމަށެވެ. އަދި މަޙްމޫދަށް ހަމަލާދިނުމުގެ ކުރިންވެސް ވައްކަމުގެ މައްސަލައެއްގައި އޭނާގެ ބައިވެރިވުން އޮތްކަން ހާމަވެފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ މަޙްމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް ދަނގެތީގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކުން އޭނާ ފެނުނުއިރު، ތޫނު އެއްޗަކުން ހަމާލާދީ އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ތަޙުޤީގަށް ފާހަގަކުރެވުނުކަމަށެވެ. އަދި މަޙްމޫދަށް ހަމާލާދިނުމަށްފަހު 5 ގަޑިއިރުވަންދެން ހަށިގަނޑު ހަމާލާދިން ގޭގައި ބޭއްވިކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ވަގުތުތަކުގެ ތެރޭގައި 3 ފަހަރެއްގެ މަތިން ޝާ އަލޮމް މިއާ މަޙްމޫދަށް ހަމަލާދީފައިވާކަން ތަޙުޤީގަށް އެނގިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ އޮކްޓޫބަރު 14ވަނަ ދުވަހު މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ފުލުހުން ކުރި ތަޙުޤީގު ތެރެއިން އޭގެ ދެދުވަސް ފަހުން، ކޯޓު އަމުރެއްގެ ދަށުން ޝާ އަލޮމް މިއާ ހައްޔަރުކޮށްފައިވާއިރު، އޭނާ ދިރިއުޅުނު ދަނގެތީ ނެދުންގެއިން މަޙްމޫދުގެ އަންނައުނާއި، ގަޑިފަދަ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ޖުމްލަ 6 ތުހުމަތެއް ޝާ އަލޮމް މިއާއަށްކުރެވޭއިރު، ކުށް ކުރިކަން ސާބިތުވާވަރަށް ޝާ އަލޮމް މިއާއާ ދެކޮޅަށް ހެކިލިބިފައިވާކަމަށެވެ. މަޙްމޫދު އަބޫބަކުރު މަރާލުމުގައި ޝާ އަލޮމް މިއާގެ އިތުރުން، އެހެން ބައެއްގެ ބައިވެރިވުން އޮތްކަމަށް ފާހަގަނުވާކަންވެސް ފުލުހުންވަނީ ހާމަކުރައްވާފައެވެ.