ޚަބަރު

މިއަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު 1.3 މިލިޔަނަށް


ފަތުރުވެރިކަމަކީ ރާއްޖެއަށް ޢާމްދަނީ ލިބޭ އެންމެމުހިންމު އެއް ސިނާއަތެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ވުމާ ގާތްވެފައިވާއިރު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު މިހާތަނަށް ބަންދުކުރަން ޖެހުނީ ކޯވިޑް-19ގެ ސަބަބުންނެވެ. ކޯވިޑް-19އާއެކު 2020ވަނަ އަހަރުގެ މާރޗް 27އިން ޖުލައި 14އަށް ރާއްޖޭގެ ބޯޑަރު ބަންދުކުރިއެވެ.

މިއާއެކު ފަތުރުވެރިން ރާއްޖެ އައުން ހުއްޓި ރާއްޖޭގެ އިޤްތިސާދަށް ހީނަރުކަން އައެވެ. 2020ވަނަ އަހަރުގެ ޖުލައި 15ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. 2020ވަނަ އަހަރު ރާއްޖެއަށް އައިސްފައިވަނީ 515،755 ފަތުރުވެރިންނެވެ.

2020ވަނަ އަހަރު ނިމުމުއިރު 2021ވަނަ އަހަރަށް ރާއްޖެއިން ވަނީ ފަތުރުވެރިކަމުގެ އައު ޓާގެޓެއް ކަނޑައަޅާފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި 1 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅިއެވެ. ރާއްޖެއިން މިހާރު ވަނީ މި އަމާޒަށް ވާސިލްވެސް ވެފައެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ރާއްޖެއިން މިއަހަރު ކަނޑައެޅި އަމާޒުކަމަށްވާ 1 މިލިއަން ފަތުރުވެރިގެ އަމާޒު 29 އޮކްޓޯބަރ ގައި ހާސިލްވެފައިވާކަމަށެވެ. އަދި މިހާރު އަމާޒަކީ 1.3 މިލިއަން ފަތުރުވެރިން މިމަހުގެ 28ގެ ނިޔަލަށް ހަމަކުރުންކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،271،020 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި ޑިސެމްބަރ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 5،153 ފަތުރުވެރިން އައެވެ. ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 286،434 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.