ކުޅިވަރު

ފަހަތުން އަރާ އުޒްބަކިސްތާނުން ރާއްޖެ މައްޗަށް ކުރި ހޯދައިފި


ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން ސެޓެއް ހޯދާފައިވަނިކޮށް ފަހަތުން އަރާ ތިން ސެޓް ހޯދައިގެން އުޒްބަކިސްތާނުން މެޗް ކާމިޔާބުކޮށްފިއެވެ. ރާއްޖެއިން މިމުބާރާތަށް ވަރަށް ރަގަނޅަށް ތައްޔާރުވަމުން ގޮސް، ޓީމް ފުރަން އޮތް ހިސާބުން ގިނަ އުދަގޫތަކެއް ޓީމަށް ކުރިމަތިވިއެވެ. ގައުމީ ފިރިހެން ވޮލީ ޓީމް ކުޅުނު ފުރަތަމަ މެޗްގައި ބަންގްލަދޭޝްއާއި ދެކޮޅަށް ބައެއް ކުޅުންތެރިން ނިކުމެފައިވަނީ ބަންގްލަދޭޝަށް ދަތުރުކުރުމަށްފަހު، އެވަރުބަލިކަމާއެކުއެވެ.

މިމުބާރާތުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗްގައި އުޒްބަކިސްތާންއަތުން ބަލިވިނަމަވެސް، މިމެޗްގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މިމެޗް އުސްބަޖިސްތާނުން ކާމިޔާބުކުރީ 3 ސެޓް 1 ސެޓުންނެވެ. އެއީ 25-22 25-23، 25-18 އަދި 25-18އިންނެވެ. މިމެޗްގެ ފުރަތަމަ ސެޓްގައި ރާއްޖޭގެ ޢަލީ ހުޒާމް އަދި ކެޕްޓަން އިސްމާޢީލް ސާޖިދުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ރާއްޖޭގެ ޓީމްގެ ފަރާތުން އުޒްބަކިސްތާންގެ އެޓޭކްތައް ހުއްޓުވުމަށް މޮޅު ބުލޮކްތަކެއްވެސް ފެނިގެންދިޔައެވެ. މެޗްގެ ފުރަތަމަ ސެޓް ރާއްޖެއިން ކާމިޔާބުކުރީ 25-22ހުންނެވެ.

މެޗްގެ ދެވަނަ ސެޓްގައި ރާއްޖެއިން ކުޅުން ރަގަނޅުކުރިއިރު، އުޒްބަކިސްތާން ޓީމުންވަނީ އެޓީމްގެ ކުޅުން ވަރަށް ބޮޑުތަނުން ރަގަނޅުކޮށްފައެވެ. އަދި ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެއްވެސް ޓީމަކަށް މިސެޓްގައި މާ ބޮޑު ލީޑެއް ނުލިބެއެވެ. ސެޓް ވަރަށް ވާދަވެރިކޮށްގޮސް، ދެވަނަ ސެޓްގެ ފަހުކޮޅުގައި ރެފްރީގެ ބައެއް ނިންމުންތަކާއި ހެދި ރާއްޖެއަށް ސެޓް ގެއްލިގެންދިޔައެވެ. ރާއްޖޭގެ ކުޅުންތެރިން ރެފްރީންގެ ގާތުގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުންވެސް ފާޅުކުރިއެވެ. ނަމަވެސް ބަދަލެއް ނައިސް ދެވަނަ ސެޓް ރާއްޖެއަށް ގެއްލުނީ 23-25އިންނެވެ. މެޗްގެ ތިންވަނަ ސެޓްގައިވެސް ދެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

ވަރަށް ވަދަވެރިކޮށް ގޮސް، ސެޓްގެ ފަހުކޮޅުގައި އަނެއްކާވެސް ރެފްރީންގެ ނިންމުންތައް ގޮސްފައިވަނީ ރާއްޖެއާއި ދެކޮޅަށެވެ. މިސެޓްގައި ރެފްރީންގެ ނިންމުންތަކާއި ދެކޮޅަށް ރާއްޖޭގެ ބެންޗުން އެޕީލް ކުރިނަމަވެސް، ރެފްރީ އޭނާގެ ނިންމުން ބަދަލްކޮށްފައެއް ނުވެއެވެ. މިސެޓްވެސް ރާއްޖެއަށް ގެއްލުނީ 18-25އިންނެވެ. މެޗްގެ ހަތަރުވަނަ ސެޓްގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުރިން ސެޓްތަކުގައި ދެއްކުނު ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ. ފަހު ސެޓްގެ ބޮޑުބައި ލީޑްގައި އޮވެގެން ކުޅެމުން ގޮސްފައިވަނީ އުޒްބަކިސްތާންގެ ޓީމުންނެވެ. މިސެޓް 25-18އިން ކާމިޔާބުކޮށް އުޒްބަކިސްތާންއިން މެޗް ކާމިޔާބުކުރިއެވެ.

މިމުބާރާތުގައި ރާއްޖެއިން ކުޅޭ ތިންވަނަ މެޗްގައި ވާދަކުރާނީ ނޭޕާލާއެވެ. މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެއަށް ނޭޕާލްގެ މައްޗަށް ކުރި ހޯދުން ވަރަށް މުހިންމެވެ.