ކުޅިވަރު

އިންޑިޔާ އަތުން ރާއްޖެ ޓީމް ބަލިވަނީ ކީއްވެ؟


ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމް މިހާތަނަށް ވާދަކޮށްފައިވަނީ 8 މުބާރާތެއްގައެވެ. މި 8 މުބާރާތުގެ ތެރެއިން ހަތަރު ފަހަރު މުބާރާތުގެ ފައިނަލުގައި ދިވެހި ޓީމް ކުޅުނެވެ. ދިވެހި ޓީމަކީ އިންޑިޔާ ނެގުމަށްފަހު އެންމެ ގިނައިން މިމުބާރާތުގެ ފައިނަލްގައި ކުޅުނު ޓީމެވެ. އަދި މުބާރާތުގެ ތިންވަނަ މަގާމް 1997 ވަނަ އަހަރު ހޯދިއިރު، ދިވެހި ޓީމް ވަނީ މުބާރާތުގެ ސެމީ ފައިނަލްގައިވެސް ޖުމްލަ 8 ފަހަރު ވާދަކޮށްފައެވެ. ދިވެހިރާއްޖެ އަދި އިންޑިޔާދިވެހިން ސަރަހައްދީ މުބާރާތުގައި ވާދަކުރި އެއްވެސް އަހަރަކު ގްރޫޕް ސްޓޭޖުން މުބާރާތުން ކަޓާފައެއް ނުވެއެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިޔާއާއި ދެކޮޅަށް ދިވެހި ޓީމު މިހާތަނަށް ދިހަ ފަހަރު ނިކުމެފައިވާއިރު ދިވެހިންނަށް ކާމިޔާބު ލިބިފައިވަނީ އެންމެ ދެފަހަރެވެ. އެއް ފަހަރު ދެ ޓީމްގެ ކުރިމަތިލުން އެއްވަރުވެފައިވާއިރު، ދިވެހިންގެ މައްޗަށް އިންޑިޔާވަނީ 7 ފަހަރު ކުރި ހޯދާފައެވެ. ސަރަހައްދީ ފުޓްބޯޅަ މުބާރާތުގެ ތަށި 2008 ވަނަ އަހަރު ދިވެހި ޓީމް އުފުލާލީ ފުރަތަމަ ފަހަރަށް ތާރީޚުގައި އިންޑިޔާ ބަލިކުރުމަށްފަހުއެވެ. އޭގެ ފަހުން ޖެހިގެން އައި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އިބްރާހިމް ފަޒީލް އަދި ތޯރިގްގެ ގޯލުތަކުން އިންޑިޔާގެ މައްޗަށް ދިވެހިން ކުރި ހޯދިއެވެ. ކޮންމެ ފަހަރަކު މުބާރާތާއި ދިވެހި ގައުމީ ޓީމް ކުރިމަތިލަނީ ތައްޓަށް އަމާޒުކޮށްގެންނެވެ. އެހެން ނަމަވެސް ފައިނަލާއި ސެމީ ފައިނަލްގައި ގިނަ ފަހަރަށް ދިވެހިންނަށް ލަނޑުދޭ ޓީމަކީ އިންޑިއާއެވެ. ދިވެހި ޓީމު މުބާރާތުގައި އެންމެ ފަހުން ކުޅުނު ފަސް ފަހަރުވެސް ބަލިވެފައިވަނީ ހަމައެކަނި އިންޑިޔާ އަތުންނެވެ.އިންޑިޔާ އަތުން ބަލިވަނީ ކީއްވެ؟އިންޑިއާ އަތުން ދިވެހިން ގިނަ ފަހަރު ބަލިވަނީ ކީއްވެގެންތޯ، ނޫނީ އިންޑިއާ ބަލިނުކުރެވެނީ ކީއްވެގެންތޯ މީ ގިނަ ދިވެހިންތަކެއް އަބަދުވެސް ކުރަމުންދާ ސުވާލެކެވެ. މި ސުވާލުގެ ޖަވާބު މި ރިޕޯޓްގައި ގެނެސްދެވޭތޯ އަޅުގަނޑު މަސައްކަތް ކޮށްލާނަމެވެ. ދިވެހި ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗް، އަދި ދިވެހި ޓީމް ފުރަތަމަ ފަހަރަށް އިންޑިޔާ ބަލިކުރިއިރު ކެޕްޓަނެއްގެ ގޮތުގައި ހުރި އައްސަދު އަބްދުލްޣަނީ ބުނީ މުބާރާތަށް ތައްޔާރުވުމުގައި ދިވެހިންނަށް ވުރެ އިންޑިއާ އުޅެނީ ކުރީގައިކަމަށާއި، އިންޑިޔާއާއި ދެކޮޅަށް ކުޅޭ މެޗުތަކުގައި ފެނިގެންދަނީ އެ ތަފާތުކަމަށެވެ."އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންޑިޔާ ސަރަހައްދީ މުބާރާތަށް ތައްޔާރުވާ ވަރަށް ދިވެހި ޓީމަށް ތައްޔާރު ނުވެވެނީ، އެމީހުން މަސައްކަތް ކުރޭ ދިވެހިން އަތުން ބަލިނުވާން" އައްސަަދު ބުންޏެވެ. ޓީމުގެ އެސިސްޓަންޓް ކޯޗް އިސްމާއިލް މަހެފޫޒް (އިންމަ)ގެ ވިސްނުންވެސް އައްސަދުގެ ވިސްނުމާއި ތަފާތެއް ނޫނެވެ. އިންމަ ބުނީ ދިވެހި ޓީމް މަސައްކަތް ކުރަމުންދަނީ އިންޑިއާއަށް ވުރެ ރަނގަޅަށް މުބާރާތައް ތައްޔާރުވެވޭތޯކަމަށާއި، އަދި އިރާދަކުރެއްވިއްޔާ އިންޑިޔާ މިފަހަރު ބަލިކުރާނެކަމަށް އިންމަ ބުންޏެވެ."އިންޑިޔާ އަބަދުވެސް މި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވޭ، އަހަރުމެން މިފަހަރު މަސައްކަތް މިކުރަނީ އެމީހުންނަށްވުރެ ރަނގަޅަށް ތައްޔާރުވާން، އިރާދަކުރެއްވިއްޔާ އިންޑިޔާއަށް މިފަހަރު ދިވެހިން ބަލިނުވާނެ" ސާފް ސުޒުކީ ކަޕަށް ފުރުމުގެ ކުރިން އިންމަ ބުންޏެވެ.ގައުމީ ޓީމްގެ ސީނިއާ ބައެއް ކުޅުންތެރިންގެ ވިސްނުން ދެ ކޯޗުންގެ ވިސްނުމާއި ތަފާތެވެ. ޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އިންޑިއާއާއި ދެކޮޅަށް އެންމެ ގިނަ މެޗު ކުޅެފައިވާ ގޯލްކީޕަރ އިމްްރާން މުހައްމަަދު ގަބޫލުކުރާ ގޮތުގައި އިންޑިޔާ އަތުން ދިވެހި ޓީމް ބަލިވަނީ ދިވެހި ޓީމްގެ ނަސީބު ދެރަކަމުންނެވެ. ކޮންމެ ފަހަރަކުވެސް އިންޑިޔާ އަތުން ދިވެހިން ބަލިވާ މެޗުތަކުގައި ރަނގަޅަށް ކުޅެނީ ދިވެހި ޓީމުކަމަށާއި، މެޗުގެ ނަތީޖާ އިންޑިޔާ ކޮޅަށް އެނބުރި ގެންދަނީ ނަސީބު ނެތުމުންކަމަށް އިމްރާން ބުންޏެވެ."އިންޑިޔާ އާއި ދެކޮޅަށް ކުޅޭއިރު ނަސީބުވެސް ނެތީ، ގިނަ މެޗުތަކުގައި ދިވެހި ޓީމް މޮޅަށް ކުޅެނީވެސް، އެކަމަކު ހަނި ތަފާތަކުން އިންޑިޔާއަށް ކުރި ލިބެނީ، ހަމަ ނަސީބު ތަންކޮޅެއް ދަށީއޭ އަޅުގަނޑު ބުނާނީ" ދިވެހިރާއްޖޭގެ އެއްނަންބަރު ގޯލްކީޕަރ ބުންޏެވެ. އިމްރާންގެ އިތުރުން މިޑްފިލްޑަރ އައްސަދު އަލީގެ ވިސްނުންވެސް މާ ބޮޑަށް ތަފާތެއް ނޫނެވެ. ޓީމެއްގެ ގޮތުގައި އިންޑިޔާ ރަނގަޅުވުމުގެ އިތުރުން، ސެޓް ޕީސްތަކުގައި އިންޑިޔާގެ ނަސީބު ރަނގަޅީކަމަށް އައްސަދު ބުންޏެވެ."އިންޑިޔާ ޓީމް މިކަމަށް ބަހައްޓާ ފަރުވާތެރިކަންވެސް ރަނގަޅީ، އެމީހުން ގޯލް ޖަހާފައި ގިނައިން ހުންނަނީ ކޯނަރުތަކާއި ހިލޭ ޖެހުންތަކުން، ސެޓްޕީސްތަކުގައި ނަސީބުވެސް ރަނގަޅީ މި މީހުންގެ" ގައުމީ ޓީމުގެ މުޙިއްމު މިޑްފިލްޑަރ ބުންޏެވެ.ކޮންމެ ގޮތެއް ވިޔަސް ސަރަހައްދީ ފުޓްބޯޅަ މުބާރާތުގައި އިންޑިޔާ ބަލިކުރި މަދު ޓީމްތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. އެހެންކަމުން ދިވެހިންގެ ހުރިހާވެސް އުއްމީދަކީ އިންޑިޔާ ސެމީ ފައިނަލްގައި ބަލިކޮށް ފައިނަލްގެ ޖާގައެއް ހޯދައި، ފައިނަލް މެޗުގައި ރަނގަޅު ކާމިޔާބީއެއް ހޯދައި، 2008 ގައި ދިވެހި ގައުމަށް އައި ރަތްކުލައިގެ ޢީދު އަނެއްކާވެސް ފެނިގެންދިޔުމެވެ.