ޚަބަރު

215 ކިލޯ މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ފޮރުވި މައްސަލައިގައި ދަޢުވާ އުފުލައިފި


ރ އަތޮޅު ފަޅުރަށެއް ކަމައްވާ ޅާނބުގަލީގައި ފޮރުވާފައިވަނިކޮށް ފުލުހުން ހޯދި 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް ދަޢުލަތުން ދަޢުވާ އުފުލައިފިއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ބޭރުން ދިވެހިރާއްޖެއަށް 215 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ރ. ޅާނބުގަލީގައި ފޮރުވާފައި ބެހެއްޓި މައްސަލައިގައި ދަޢުވާ ކުރުމަށް މިމަހުގެ 19ވަނަ ދުވަހު ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށްވަނީ ހުށާއަޅާފައެވެ.

މިމައްސަލައިގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ރ. މަޑުއްވަރި، ފިނިފަރު، ޢަލީ ޝާކިރުއާ ރ. މަޑުއްވަރި، ފެހިއަލި، ނިމާލް ޢަބްދުލްޙާރިޘްގެ މައްޗަށް އުފުލާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން މިމައްސަލައިގައި ހިމެނޭ އަލީ ޝާކިރުގެ މައްޗަށްވަނީ ކުޑަކަމުދާ އެއްޗެތި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދަޢުވާވެސް އުފުލާފައެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ރ. މަޑުއްވަރީ، ފިނިފަރު، އަލީ ޝާކިރާއި ހަމަ އެ ރަށު، ފެހިއަލި، ނިމާލް އަބްދުލް ހާރިސް އެވެ.

"ފެށުން 2" ނަމަކަށް ކިޔާ ލޯންޗެއްގައި ރ. މަޑުއްވަރީ ފަޅަށް ވަން ތަނުން ހައްޔަރުކުރި، ޢަލީ ޝާކިރާއި، ނިމާލް ޢަބްދުލްޙާރިޘް މިހާރުވެސް ތިބީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުގައެވެ. މި ދެމީހުން ހައްޔަރުކުރުމަށްފަހު އެ މީހުން ދަތުރު ކުރި ލޯންޗް މަޑުއްވަރީއަށް އެހެލާ ފުލުހުން ވަނީ އެ ލޯންޗު ބަލާ ފާސްކޮށްފައެވެ. އަދި ލޯންޗްގެ އެތެރެ ކިހާލުމަށްފަހު ބައެއް ތަކެތި ފުލުހުން ވަނީ ހޯދާފައެވެ.