ޚަބަރު

ފިލިޕީންސްގައި ހާލުގައި ޖެހިފައިތިބި ދިވެހި ދަރިވަރުންނަށް ސަރުކާރުން މާލީ އެހީދެނީ


ތޫފާން ރާއިގެ ސަބަބުން ފިލިޕީންސްގެ ސޭބޫގައި ހާލުގައި ޖެހިފައިތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ފިލިޕީންސްގެ ބައެއް ސަރަޙައްދުތަކަށް އެރި ބާރުގަދަ ތޫފާން "ރާއި" ގެ ސަބަބުން އެ ޤައުމުގެ ސޭބޫ ސިޓީގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުން ދިޔަ ޑޯމިޓަރީއަށް ބޮޑެތި ގެއްލުންތަކެއްވެ، ފެނާއި ކަރަންޓު ކެނޑި، މުއާޞަލާތީ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް ބުރޫއަރާފައެވެ. ތޫފާންގެ ސަބަބުން ހާލުގައި ޖެހިފައިވާ ދަރިވަރުންނަށް، ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ދަރިވަރުން ދިރިއުޅެމުން ދިޔަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ޢިއާދަކޮށް ފެނާއި އެހެނިހެން އަސާސީ ޚިދުމަތްތައް ދިނުމަށް ފިލިޕީންސްގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެކަމަށް ބެލެވޭކަމުގެ މަޢުލޫމާތު ފިލިޕީންސްގެ އެމްބަސީން ދެއްވާފައިވާތީ، މި އެހީ ދިނުމަށް ސަރުކާރުން ނިންމަވާފައިވަނީ އެއް މަސްދުވަހުގެ މުއްދަތަށެވެ.

މިގޮތަށް ނިންމެވުމާ ގުޅިގެން، އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކަމާގުޅުން ހުރި އިދާރާތަކާއެކު ކުރަމުންގެންދާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.