ކުޅިވަރު

ބަންގްބަންދު ގޯލްޑް ކަޕްގައި ދިވެހިރާއްޖެ ގްރޫޕް ބީ އަށް


އަންނަ ޖެނުއަރީ މަހު ބަންގްލަދޭޝްގައި އޮންނަ ބަންގްބަންދު ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ދިވެހިރާއްޖެ ލައްވާލައިފިއެވެ. މި މުބާރާތުގެ ގްރޫޕް ބީގައި ދިވެހިރާއްޖޭގެ އިތުރުން ދެން ހިމެނެނީ ކެމްބޯޑިއާ، ބަޙްރެއިން އަދި ބަންގްލަދޭޝްގެ ތޭވީސް އަހަރުން ދަށުގެ ޓީމެވެ. ގްރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝް، ނޭޕާލް ސްރީލަންކާގެ އިތުރުން މެލޭޝިޔާއެވެ. މި މުބާރާތުގެ ބޭނުން ހިފާނީ އަންނަ ފެބްރުއަރީ މަހު އޮންނަ ސާފް ގޭމްސްގައި ވާދަކުރާ ދިވެހި ތޭވީސް އަހަރުން ދަށުގެ ޓީމްގެ ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުމަށްކަމަށް ދިވެހި އެފްއޭއިން ވަނީ ހާމަކޮށްފައެވެ. ދިވެހިރާއްޖޭގެ އިތުރުން، ބަޙްރެއިން އަދި މެލޭޝިޔާއިންވެސް މި މުބާރާތުގައި ބައިވެރިކުރަނީ އެ ގައުމުތަކުގެ ތޭވީސް އަހަރުން ދަށުގެ ޓީމް ކަމަށްވަނީ ބެލެވިފައެވެ. އަށް ޓީމް ވާދަކުރާ ބަންގްބަންދު ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ އަންނަ ޖެނުއަރީ މަހުގެ އަށަކުން އަށާރައަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަދި ސިލްހެތްގައެވެ.