ވިޔަފާރި

އެއަރޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ބަޔަކާ ހަވާލުކުރަނީ


އިބްރާހިމް
ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އިމާރާތްކުރާ އާ ޓާމިނަލްގެ މަސައްކަތް،
އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރެވިގެންދާނެ ކަަމަށް
މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.  



އިބްރާހިމް
ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް ފައިސާ ހޯދުމަށް ޗައިނާގެ
ވެރިރަށް ބެއިޖިން އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މިރޭ ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ އާ
ޓާރމިނަލް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާގެ ވެސް ދެބައިކުޅަ އެއްބައި މިހާރު
ހަމަޖެހިފައިވާ ކަމަށެވެ.



 އައި.އެން.އައި.އޭގެ
ތަރައްޤީގެ މަސައްކަތަށް ޗައިނާގެ އެގްޒިމް ބޭންކުން ރާއްޖެއަށް
ދޭ  373 މިލިއަން އެމެރިކާ ޑޮލަރުގެ ލޯން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ
މިދިޔަ ހޯމަ ދުވަހުއެވެ.



މި
ލިބުނު ލޯން އެހީއާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ
މި ލިބުނު ފައިސާ ޚަރަދުކުރައްވާނީ ހަމައެކަނި އެއަރޕޯޓުގެ ރަންވޭ ބޮޑުކުރެއްވުމަށް
ނޫކަމަށާއި މި ލޯނު ފައިސާ އެއަރޕޯޓުގެ ކާގޯ ކޮމްޕްލެކްސްއާއި، ފިއުލް ފާމެއް
ހެދުމާއި އަދިވެސް އެއަރޕޯޓު ބޮޑުކުރުމުގެ މަޝްރޫޢުގެ އިތުރު ކަންކަމަށް ބޭނުން
ކުރެއްވުމަށް ރާވާފައިވާ ކަމަށެވެ.



މީގެ
އިތުރުން މިނިސްޓަރ ވިދާޅުވީ އެއަރޕޯޓް ތަރައްޤީކުރުމަށް ނަގާ ލޯނުތައް އަދާކުރައްވާނީ އެއާޕޯޓް ތަރައްޤީކޮށްގެން ލިބޭ ފައިސާއިން ކަމަށާއި ދައުލަތުގެ ބަޖެޓަށް މި
ލޯންތަކުގެ ސަބަބުން އެއްވެސް ބުރުއެއް ނާރާނެ ކަމަށެވެ.