ކުޅިވަރު

ސިޓީއަށް 3 ޕއިންޓުގެ ލީޑަކާއެކު އިންގިރޭސި ލީގުގައި ރިކޯޑެއް


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރިމެޗް ސިޓީއިން ކާމިޔާބުކޮށް މަގާމް ދިފާއުކޮށްފިއެވެ. ނިއުކާސްލްގެ ސެއިންޓް ޖޭމްސް ޕާރކްގައި ކުޅުނު މިމެޗް ސިޓީއިން ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ސިޓީއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ ފަސްވަނަ މިނެޓްގައި ޖަހައިދިނީ އެޓީމްގެ ޑިފެންޑަރ ރުބެން ޑިއާޒެވެ. މިލަނޑަކީ ނިއުކާސްލްގެ ކީޕަރާއި ޑިފެންޑަރާއި ދެމެދު ރަނގަޅަށް ވާހަކަ ނުދެކެވުމުގެ ސަބަބުން ސިޓީއަށް ތަނަވަސްވެގެން ދިޔަ ފުރުސަތެކެވެ. މިމެޗްގައި ސިޓީގެ ދެވަނަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ޖަހައިދިނީ މިމެޗްގައި ސިޓީއަށް 100 ވަނަ މެޗް ކުޅެމުންދިޔަ ޖާއޮ ކޮންސޭލޯއެވެ. މިހާފްގައި ނިއުކާސްލް އަށް ލަނދެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ރަނގަޅު ކުޅުމެއް ދައްކާ ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައިވެއެވެ. މިމެޗްގައި ސިޓީއިން ޖެހި ތިންވަނަ ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހައިދިނީ ރިޔާދު މަހްރެއިޒެވެ. މިއީ އޭނާ ސިޓީގެ ޖަރޒީގައި ކާމިޔާބުކުރި 50 ވަނަ ލަނޑެވެ. އަދި ފަހު ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި ޖަހައިދިނީ ރަހީމް ސްޓަރލިންއެވެ.
މިކާމިޔާބީއާއެކު ސިޓީއަށް މިވަނީ 18 މެޗުން 44 ޕޮއިންޓް ލިބި ޑިސެމްބަރު 25 އަންނައިރު ތާވަލްގެ އެއްވަނައިގާ އޮވެވޭނެކަން ޔަގީންވެގެން ގޮސްފައެވެ. އަދި މިއާއެކު ސިޓީއާއި އެންމެ ގާތުން ވާދަކުރަމުންދިޔަ ލިވަޕޫލްގެ މެޗް އެއްވަރުވުމުން މިހާރުވަނީ ތިން ޕޮއިންޓްގެ ލީޑެއްވެސް ލިބިފައެވެ. މީގެކުރިން ޑިސެމްބަރ 25 އައިއިރު ތާވަލްގެ އެއްވަނައިގައި ސިޓީ އޮތީ 2011-12 ވަނަ ސީޒަނާއި 2017-18 ވަނަ ސީޒަންގައެވެ. އެދެފަހަރުވެސް ސިޓީ ވަނީ ލީގު ކާމިޔާބުކޮށްފައެވެ.

ރޭގެ ކާމިޔާބީއާއެކު ސިޓީ ވަނީ އާ ދެ ރެކޯޑެއްވެސް ކާމިޔާބުކޮށްފައެވެ. އެއީ ކަލަންޑަރު އަހަރުގެ ތެރޭގައި އެންމެ ގިނަ މެޗް ކާމިޔާބު ކުރުމުގެ ރިކޯޑާއި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑެވެ. މިގޮތުން 2021 ވަނަ އަހަރު ސިޓީއިން ވަނީ މިކާމިޔާބީއާއެކު 34 މެޗް ކާމިޔާބުކޮށްފައެވެ. އަދި 1992 ވަނަ އަހަރު އިންގްލިޝް ޕްރިމިއަރ ލީގު މިހާރުގެ ފޯމެޓަށް ކުޅެން ފެށިފަހުން އެއް އަހަރު ގެތެރޭގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑެވެ. މިގޮތުން 2021 ވަނަ އަހަރުގެ މިހާތަނަށް މިވަނީ 106 ލަނޑު ސިޓީއިން ކާމިޔާބުކޮށްފައެވެ.