އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ މެންބަރުން މެލޭޝިޔާއަށް ފިއްތުންތައް ކުރިމަތިކޮށް، އެ ޤައުމާއެކު އޮންނަ އިޤްތިޞާދީ އަދި ސަލާމަތީ ގުޅުންތައް މުރާޖަޢާކުރުމަށް ގޮވާލަމުންދިޔަ ނަމަވެސް، ޔަހޫދީ ދައުލަތް ބަލައިނުގަތުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތު ދަމަހައްޓާނެކަމުގެ ފުރިހަމަ ޔަޤީންކަން މެލޭޝިޔާ ސަރުކާރުން އަލުން ދީފިއެވެ.
މެލޭޝިޔާގެ ޚާރިޖީ ވަޒީރު މުޙައްމަދު ޙަސަން ވިދާޅުވި ގޮތުގައި، އެމެރިކާގެ ޚާރިޖީ ވުޒާރާއަށް އެމެރިކާގައި ހުންނަވާ މެލޭޝިޔާގެ ސަފީރު ހާޒިރުކުރުމުން، މި މައްސަލައިގައި މެލޭޝިޔާއިން ގެންގުޅޭ ރަސްމީ ސިޔާސަތު ވަނީ ވަރަށް ސާފުކޮށް ހާމަކޮށްދެއްވާފައެވެ.
ޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޔަހޫދީ ދައުލަތް މެދު މެލޭޝިޔާއިން ގެންގުޅޭ ސިޔާސަތަކީ މިއީ ވަރަށް ފަހުން ނިންމި ނިންމުމެއް ނޫން ކަމަށާއި، މިއީ އެކި ދުވަސްވަރު މެލޭޝިޔާގައި އުފެދުނު ސަރުކާރުތަކުން ޒަމާނުއްސުރެ ސާބިތުކަމާއެކު ހިފަހައްޓަމުން އަންނަ، ބަދަލެއް ނުވާ ޤައުމީ ނިންމުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މެލޭޝިޔާގެ ދައުލަތުގެ ނޫސް، "ބެރްނާމާ" އަށް މަޢުލޫމާތު ދެއްވަމުން ޙަސަން ވިދާޅުވީ، މެލޭޝިޔާއިން އަބަދުވެސް ޢަމަލުކުރަމުންދަނީ އެ ޤައުމުގެ އަސާސީ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
"ޔަހޫދީ ދައުލަތް ނުވަތަ ޒަޔަނިސްޓް ސަރުކާރު ބަލައިނުގަތުމަކީ އަޅުގަނޑުމެންގެ އިމިގްރޭޝަން ސިޔާސަތުތަކުން ފެށިގެން އެހެން ހުރިހާ ދާއިރާއެއްގައިވެސް ކަނޑައެޅިފައިވާ ދާއިމީ އުސޫލެއް. މިއީ ޒަމާނުއްސުރެ މެލޭޝިޔާއިން ދަމަހައްޓަމުން އަންނަ ސާބިތު ނިންމުމެއް،" އޭނާ ވިދާޅުވިއެވެ.
މެލޭޝިޔާއަކީ ޔަހޫދީ ދައުލަތާއެކު އެއްވެސް ބާވަތެއްގެ ސިޔާސީ ނުވަތަ ޚާރިޖީ ގުޅުމެއް ބާއްވާ ޤައުމެއް ނޫނެވެ. ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތުކުރުމުގެ ގޮތުން، ޔަހޫދީ ދައުލަތުގެ ޕާސްޕޯޓު ގެންގުޅޭ މީހުން މެލޭޝިޔާއަށް އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ.
ޔަހޫދީ ދައުލަތް ބަލައިނުގަތުމުގެ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށް ބޮޑުވަޒީރު އަންވަރު އިބްރާޙިމް ވެސް ވަނީ ޖުލައި 15ގައި ވިދާޅުވެފައެވެ.