ޚަބަރު

"އެމްއާރުސީސީ އިމާރާތަކީ މެރިޓައިމް ދާއިރާއަށް މީހުން ތަމްރީންކުރުމުގެ ހަބެއް"


  • އެމްއާރުސީސީގެ އިމާރާތުގެ މަތީ ފަންގިފިލާތައް ބޭނުންކުރަނީ ތަމްރީންތަކަށް

  • އައު އިމާރާތުގެ ސަބަބުން އެހެން ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރަން މަގުފަހިވާނެ

އައު މެރިޓައިމް ކޯޑިނޭޝަން ސެންޓަރާއެކު ކޯސްޓްގާޑަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެކަމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވިދާޅުވެއްޖެއެވެ.

ޖަޕާނު ސަފީރު މިހެން ވިދާޅުވީ، ޖަޕާނު ސަރުކާރުގެ އެހީގައި ތަރައްޤީކުރި މެރިޓައިމް ކޯޑިނޭޝަން ސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުގެ ސަފީރު ވަނީ އައު މެރިޓައިމް ކޯޑިނޭޝަން ސެންޓަރުގެ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ. އަދި މިތަން ތަރައްޤީވެގެން ދިއުމަކީ ކޯސްޓްގާޑުގެ ޤަބިލީއްޔަތުކަން އިތުރުކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ. އޭނާ ވަނީ މިއީ ރާއްޖެއަށް މެރިޓައިމް ދާއިރާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއްކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ތަރައްޤީކޮށްފައިވާ މެރިޓައިމް ކޯޑިނޭޝަން ސެންޓަރު ތަރައްޤީ ކުރަން ޖަޕާނު ސަރުކާރުން 3.7 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް ދެއްވިއެވެ. އަދި މިތަން ތަރައްޤީ ކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ޔޫއެންއޯޑީސީން އެހީތެރިކަން ދެއްވި ކަމަށާއި، މިމަޝްރޫޢުއަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަންވެސް ލިބިގެންދިޔަކަން ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރު ވަނީ އައު މެރިޓައިމް ކޯޑިނޭޝަން ސެންޓަރު ތަރައްޤީ ކޮށްފައިވަނީ މި ދައިރާއަށް މީހުން ބިނާކުރުމަށް މަގުފަހިކުރެވޭނެ ގޮތަށްކަން ފާހަގަކުރައްވާފައެވެ.

"އައު މެރިޓައިމް ކޯޑިނޭޝަން ސެންޓަރު ވެގެންދާނީ އޮޕަރޭޝަނަލް ފެސިލިޓީއެއްގެ އިތުރުން މެރިޓައިމް ޓްރެއިނިން ހަބަކަށް. ގްރައުންޑް ފްލޯގައި ހުންނާނީ އޮޕަރޭޝަން ރޫމާއި ކޮންފަރެންސް ރޫމް. ފުރަތަމަ ފަންގިފިލާގައި އޮޑިޓޯރިއަމްއާއި ކްލާސްރޫމްތަކުގެ އިތުރުން ޗާޓް ރޫމެއް ތަމްރީނުގެ ބޭނުންތަކަށް ހުންނާނެ. ދެވަނަ އަދި ތިންވަނަ ފަންގިފިލާއަކީ އެކޮމޮޑޭޝަން އަދި ގުޅުންހުރި ވަސީލަތްތައް ތަރައްޤީ ކުރެވިފައިވާ ތަނެއް. ޓެރެސް ތަރައްޤީކުރެވިފައި ކިޔެވުމަށް ހާއްސަ ސަރަހައްދުތަކާއި ލައިބްރަރީއަކާއެކު. " ސަފީރު އިޝިގާމީ ރުމިކޯ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އދ.އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، ހައޮ ޒެންގ ވިދާޅުވީ އދގެ ކަނޑުތަކާބެހޭ ޤާނޫނުގެ ދަށުން ކޮންމެ ޤައުމަކަށްވެސް ހާދިސާތަކުގައި މީހުން ސަލާމަތް ކުރުމަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުން ލާޒިމް ކުރާކަމަށެވެ. އޭނާ ވާނީ ރާއްޖޭގެ ބިމަށް ވުރެ ކަނޑުގެ ސަރަހައްދު ބޮޑުރިއިރު މި ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގެ އިދާރާތަކަށް ގޮންޖެހުންތައްކެއް ހުރި ކަމަށެވެ. އެހެން ނަމަވެސް މި ސެންޓަރު އައުމާއެކު އެކަމަށް ލުއި ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާގެ ވާހަކައިގަ މި އައު ސެންޓަރަކީ މިހާރުވެސް ކޯސްޓްގާޑުން ކުރާ މަސައްކަތް އެއް ފުރާޅެއްގެ ދަށަށް އައުމަށް ލިބިގެންދިޔަ ވަސީލަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މިތަނުގެ ބޭނުން ރާއްޖެއާއި ސަރަހައްދީ ޤައުމުތަކަށްވެސް ކުރެވޭނެކަމަށް ވިދާޅުވިއެވެ.

"މި ސެންޓަރުގެ ބޭނުން ރާއްޖޭގެ ބޭރުން ޤައުމުތަކަށް ކުރެވޭނެ. މައުލޫމާތު ބަދަލުކޮށް ތަމްރީނުތައް ކުރިއަށް ގެންގޮސް މިދާއިރާއިން ކުރިއެރެރުން ހާސިލް ކުރެވޭނެ" އަދ. މަންދޫބު ވިދާޅުވިއެވެ.

ވިލިމާލޭގައި ތަރައްޤީކޮށްފައިވާ މެރިޓައިމް ކޯޑިނޭޝަން ސެންޓަރުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުއެވެ. ނަމަވެސް އެކި ސަބަބުތަކާއި ހެދި މަސައްކަތް ލަސްވެފައި އޮތުމަށްފަހު އަލުން މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިސްނެންގެވުމުގެ މަތިންނެވެ.