ޚަބަރު

ކުރިއަށްއޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް މޫސުން ގޯސް!


  • ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ

  • ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުމުގެ ފުރުސަތު ބޮޑު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. މޫސުމާބެހޭ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހުނު ނަމަވެސް، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އެހެންނަމަވެސް، ވައި ބާރުވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައިގެ އަސަރު ފޯރަމުންދާ ކަން ފާހަގަކުރައްވައި، އެ އިދާރާއިން ވިދާޅުވީ މިގޮތަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ރާއްޖެއާއި ތަންކޮޅެއް ދުރުން ބޮޑެތި ބާނީތަކެއް އުފެދިފައި ހުރުން ކަމަށެވެ.

ބާނީތަކުގެ މިސްރާބަށް ބަލާއިރު، ރާއްޖޭގެ އިރުމައްޗަށް ވާގޮތަށް ބާނީގެ މިސްރާބު ހުރީ އިރުދެކުނަށެވެ. އަދި ހުޅަނގު ބިތުގައި ބާނީގެ މިސްރާބު ބޮޑަށް ހުރީ ހުޅަނގު ދެކުނަށެވެ. ރާއްޖެއާ ކައިރިވާ ވަރަކަށް ދެ ފަރާތުން އަންނަ ބާނީތައް ބޮޑުވުމުގެ ސަބަބުން އުދައިގެ ނުރައްކާ އިތުރުވެއެވެ.

ހައިޓައިޑް ނުވަތަ ދިޔަވަރު ބޮޑުވާ ވަގުތުތަކާ ދިމާކޮށް އުދަ އެރުމުގެ ފުރުސަތު އޮތުމުން، ބަނދަރުގައި އަޅާފައިވާ އުޅަނދުފަހަރާއި، އެހެލާފައިވާ ދޯނިތަކުގެ އިތުރުން ހިފާގެންގުޅޭ ސާމާނަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.