ޚަބަރު

ސިރިންޖްގެ ދަތިކަން ޙައްލުވުމުން، އާއްމުކޮށް ބޫސްޓަރ ޑޯޒް ދޭން ފަށާނެ


ވެކްސިން ދިނުމަށް ބޭނުންކުރާ ސިރިންޖް ލިބުމުގެ ދަތިކަން ޙައްލުވުމާއެކު، އާއްމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒްދޭން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ކޯވިޑްގެ ބޫސްޓަރ ޑޯޒްގެ ގޮތުގައި ޖަހާ، 3ވަނަ ޑޯޒްގެ ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައިވަނީ މިއަހަރުގެ އޮކްޓޯބަރުމަހުގެ ކުރީކޮޅުއެވެ. ބޫސްޓަރ ޑޯޒް ދޭން ފަށާފައިވަނީ އެޗްޕީއޭއިން ކަނޑައަޅާ ޚާއްސަ ކެޓަގަރީގެ މީހުންނަށެވެ.

ބޫސްޓަރ ޑޯޒްދެނީ ފައިޒާ ވެކްސިންއިންނެވެ. ކޮވެކްސް ފެސިލިޓީގެ ދަށުން މިހަފްތާގައި ރާއްޖެއަށް ފައިޒާ ވެކްސިންގެ އިތުރު 100،000 ޑޯޒްވަނީ ލިބިފައެވެ. ކޮވެކްސް ފެސިލިޓީއަކީ ދުނިޔޭގެ ޤައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުރިއަށްގެންދާ ޕްރޮގްރާމެވެ.

ކޮވެކްސް މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި 100،620 ވެކްސިން ޑޯޒް، ޖެހުމުގެ ތައްޔާރީތައް އެޗްޕީއޭއިންދަނީ ވަމުންނެވެ.

އެޗްޕީއޭއިން ވިދާޅުވީ ފައިޒާ ވެކްސިން ދިނުމަށް ބޭނުންވާ ސިރިންޖް ގައުމުތަކަށް ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާކަމަށެވެ. ވެކްސިން ޝިޕްމަންޓާއެކު ލިބެންޖެހޭ ސިރިންޖް ލިބުމުގައި ރާއްޖެއަށްވެސް ލަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ކޯވިޑާއެކު ދުނިޔޭގެ ޤައުމުތަކަށް ސިރިންޖް ލިބުމުގެ ދަތިކަން އޮތްކަން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސްވަނީ ހާމަކޮށްފައެވެ. އެގޮތުން ކޯވިޑުން ރައްކާތެރިވާ ވެކްސިންގެ އިތުރުން، އާއްމުކޮށްދޭ ވެކްސިނަށް ބޭނުންވާ ސިރިންޖްގެ ދަތިކަންވެސް ކުރިމަތިވާނެކަމަށްވަނީ ލަފާކޮށްފައެވެ.

ސިރިންޖް ލިބި، އެންމެހާ އިންތިޒާމްތައް ހަމަޖެހުމާއެކު ވެކްސިން ދޭން ފަށާ ތަރީޚް އިއުލާންކުރާނެ ކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

އާއްމުކޮށް ހުޅުވާލައިގެން ވެކްސިންޖަހަން ފަށާފައި ނުވިނަމަވެސް، އާއްމު އުސޫލުން ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރުވެސް ބޫސްޓަރ ޑޯޒް ޖެހޭނެއެވެ. މާލެއާއި އަތޮޅުތަކުގައި ބޫސްޓަރ ޑޯޒް ދެމުން އަންނައިރު، މިހާތަނަށް ރާއްޖޭގައި 22،000އަށްވުރެ ގިނަ މީހުންނަށް ބޫސްޓަރ ޑޯޒް ދީފައިވެއެވެ.