ކުޅިވަރު

ފުރަތަމަ ދުވަހުވެސް ސާއިދާއި ހިމްނާ 2 ރަން މެޑަލް ހޯދައިފި


ތިންވަނަ ގައުމީ ގްރޯން ޕްރީ މުބާރާތުގެ ފުރަތަމަ ދުވަހު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އާއިޝަތު ހިމްނާ ހަސަން ދެ ރަން މެޑަލް ހޯދައިފިއެވެ. މިދެ ދުވުންތެރިންނަކީ ނިމިގެންދިޔަ ގައުމީ މުބާރާތުގައިވެސް އެންމެ ކާމިޔާބު ދެ އެތުލީޓުންނެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ފެށި ތިންވަނަ ގައުމީ ގްރޯން ޕްރީ މުބާރާތަކީ ރާއްޖޭގެ އެންމެ މޮޅު ދުވުންތެރިން ވާދަކުރާ މުބާރާތެވެ. 2020ވަނަ އަހަރުގެ ގްރޯން ޕްރީ މުބާރާތް ކޯވިޑް-19އާއި ގުޅިގެން ކުރިއަށް ނުގެންދެވުނުއިރު، 2019ވަނަ އަހަރުގެ ގްރޯން ޕްރީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތްލީޓްގެ މަގާމް ހޯދާފައިވަނީވެސް އާއިޝަތު ހިމްނާ ހަސަންއެވެ. ނަމަވެސް ފިރިހެން ބައިން އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދާފައިވަނީ ހުސެއިން ފަޒީލް ހާރޫނެވެ. މިފަހަރުގެ މުބާރާތުގައި ފަޒީލް ވާދައެއް ނުކުރެއެވެ.

އިއްޔެ ފެށި ތިންވަނަ ގައުމީ ގްރޯން ޕްރީ މުބާރާތުގެ ފިރިހެނުންގެ 100 މިޓަރު ދުވުމުގެ އެއް ވަނަ ހޯދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދުއެވެ. ސާއިދު ރޭސް ނިންމީ 10.76 ސިކުންތުންނެވެ. ދެ ވަނައަށް ދިޔަ އިބާދުﷲ އާދަމް ރޭސް ނިންމީ 11.00 ސިކުންނެވެ. އަދި ތިންވަނައަށް ދިޔަ މުޙައްމަދު މިންހާލް ރޭސް ނިންމީ 11.37 ސިކުންތުންނެވެ.

އަންހެން އެތްލީޓުންގެ ތެރެއިން އެންމެ ބާރަށް ކުރިއަރަމުންއަންނަ އައިޝަތު ހިމްނާ ހަސަންވަނީ އަންހެނުންގެ 100 މިޓަރު ރޭސް 12.52 ސިކުންތުން ނިންމައިގެން އެއްވަނަ ހޯދާފައެވެ. ދެވަނައަށް ދިޔަ މަރިޔަމް ރޫޔާ ޢަލީ ރޭސް ނިންމީ 12.53 ސިކުންތުންނެވެ. ހިމްނާވަނީ 400 މީޓަރުގެ ރޭސްވެސް ކާމިޔާބުކޮށްފައެވެ. އެއީ 59.61 ސިކުންތުން ރޭސް ނިންމައިގެންނެވެ.


ފަނަރަ ސަތޭކަ މީޓަރު އިވެންޓުގައި ދިވެހި ސިފައިންގެ ކްލަބުގެ ހުސެއިން ރިޒާ ވަނީ 1500 މީޓަރުގެ ރޭސް ހަތަރު މިނިޓް 21.88 ސިކުންތުން ނިންމައި، ރަން މެޑަލް ހޯދާފައެވެ. މި އިވެންޓުން ދެވަނަ އަށް ދިޔައީ ޔޫސުފް އިބްރާހީމް ރޭސް ނިންމީ 4 މިނިޓް 23.88 ސިކުންތުންނެވެ. ފަނަރަ ސަތޭކަ މީޓަރުގެ އަންހެން ބައިގައި އެއްވަނަ ހޯދީ އާމިނަތު ޖާއިޝާ ޖުނީޒެވެ. ޖާއިޝާ ރޭސް ނިންމީ 5:05.63 ސިކުންތުންނެވެ. ޖާއިޝާއާއި ވާދަކުރި މަރީ އަށް ރޭސް ނިންމުނީ 5:17.52 ސިކުންތުންނެވެ.