ކުޅިވަރު

ދެވަނަ މެޗްގައި ރާއްޖެއިން ހައިދަރުއާބާދު ޓީމް ބަލިކޮށްފި


އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗްވެސް ގައުމީ ވޮލީ ޓީމުން ކާމިޔާބުކޮށްފިއެވެ. މިމަހުގެ 22ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ފިރިހެން ވޮލީ ޓީމް އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާސްއާއި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ ތިން ސެޓް 1 ސެޓުންނެވެ. ހައިދަރުއާބާދު ސްޕައިކާސްއާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗް ރާއްޖޭގެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ސެޓް ހައިދަރުއާބާދު ޓީމުން ގެންގޮސްފައިވަނިކޮށް ފަހަތުން އަރާ 3 ސެޓް ގެންގޮސްގެންނެވެ. ނަމަވެސް ރޭގައި ކުޅުނު މެޗުގައި ރާއްޖޭގެ ޓީމުން ފުރަތަމަ ސެޓް 25-13އިން ކާމިޔާބުކުރިނަމަވެސް، މެޗްގެ ދެވަނަ ސެޓް 25-23އިން ކާމިޔާބުކުރީ ހައިދަރުއާބާދު ސްޕައިކާސްއިންނެވެ. ޖެހިގެންއައި ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓް ކާމިޔާބުކޮށް ރާއްޖެއިން މެޗް ކާމިޔާބުކުރިއެވެ. އެއީ 25-20 އަދި 25-19އިންނެވެ.

މެޗްގެ ފުރަތަމަ ސެޓްގައި ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ސެޓް ފެށިގެން ނިމެންދެންވެސް ރާއްޖެއިން ކުޅެފައިވަނީ ލީޑުގައި އޮވެގެންނެވެ. ޚާއްސަކޮށް މީގެ ކުރިން ރާއްޖެއިން ކުޅުނު އެކުވެރިކަމުގެ މެޗްގައި ރަގަނޅު ކުޅުމެއް ނުދެއްކުނު ހަސަން ނިލާމްގެ ފަރާތުން ރޭގެ މެޗްގައި މޮޅު ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. މިސެޓް ކާމިޔާބުކުރުމުގައި ރާއްޖޭގެ ޓީމްގެ އެޓޭކްތައް ވަރަށް ވަރުގަދަކަން ފާހަގަވެގެންދިޔައެވެ. ހިތްވަރާއެކު ކުޅެމުންދިޔަ ރާއްޖޭގެ ޓީމުން މިމެޗް ކާމިޔާބުކޮށްފައިވަނީ 25-13އިންނެވެ. މެޗްގެ ދެވަނަ ސެޓްގައިވެސް ރާއްޖެއިން ސެޓްގެ ކުރީކޮޅުގައި މޮޅު ކުޅުމެއްދައްކާ 7 ޕޮއިންޓްގެ ލީޑެއް ނެގިއެވެ. ނަމަވެސް އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާސްގެ ޓީމުން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއަކަށްވީ މެޗްގެ 18 ޕޮއިންޓާ ހަމައިން ރާއްޖެއާއި ނަތީޖާ ހަމަހަމަކުރުމެވެ. އަދި ރާއްޖެއަށް ދެ ފަހަރު ލީޑު ލިބި، ލީޑު ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ވަރުގަދަ އެޓޭކްތަކަކާއެކު އިންޑިޔާއިން ރާއްޖޭގެ ޓީމަށް ޕްރެޝަރު ކުރަމުންދިޔައެވެ. ރާއްޖޭގެ ޓީމަށް ހައިދަރުއާބާދު ސްޕައިކާސްގެ އެޓޭކްތައް ނުހުއްޓުވި، މެޗްގެ ދެވަނަ ސެޓް ހައިދަރުއާބާދު ޓީމުން ކާމިޔާބުކުރީ 25-23އިންނެވެ.

މެޗްގެ ދެވަނަ ސެޓް ގެއްލުމާއެކު ރާއްޖެއިން މެޗްގެ ތިންވަނަ ސެޓަށް ނިކުމެފައިވަނީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޓީމުން ފެށުން ރަގަނޅުކޮށް، ސެޓްގެ ކުރީކޮޅުގައި 5 ޕޮއިންޓުގެ ލީޑެއް ނެގިއެވެ. ރާއްޖެއަށް 5 ޕޮއިންޓްގެ ލީޑެއް ލިބިފައި އޮތުމުން ރާއްޖޭގެ ކުޅުންތެރިން ހަމަޖެހިލިވަގުތު ހައިދަރުއާބާދު ޓީމުން އެޓީމުގެ ކުޅުން ރަގަނޅުކޮށް ރާއްޖެއަށް އެންމެ ޕޮއިންޓެއްވެސް ކާމިޔާބުވިޔަނުދީ ސެޓްގެ 11 ޕޮއިންޓާއި ހިސާބުން މެޗްގެ ނަތީޖާ އެއްވަރުކުރިއެވެ. ވަރަށް އެއްވަރުކޮށް ދިޔަ ސެޓްގައި ރާއްޖެއަށާއި އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާސްގެ ޓީމަށްވެސް ލީޑް ލިބިގެންދިޔައެވެ. ނަމަވެސް އެއްވެސް ޓީމަކަށް ލީޑް ފުޅާ ކުރެވޭ ގޮތެއް ނުވިއެވެ. މިސެޓް އެއްވަރުކޮށް ދިޔަނަމަވެސް 18 ޕޮއިންޓާއި ހަމައިން ހައިދަރުއާބާދު ޓީމަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރާއްޖެއިން ލީޑުގައި އޮވެގެން ކުޅެމުންދިޔައެވެ. ލީޑްގައި އޮވެގެން ކުޅެމުންގޮސް ރާއްޖެއިން މެޗްގެ ތިންވަނަ ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 225-20އިންނެވެ.

ކޮންމެ ސެޓެކޭވެސް އެއްގޮތަށް ރާއްޖެއިން މެޗުގެ 4ވަނަ ސެޓްވެސް ފެށީ ވަރަށް ވަރުގަދަކޮށެވެ. ހައިދަރުއާބާދު ސްޕައިކާސްއަށް މިސެޓްގައި ލީޑް ލިބިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީވެސް 1 ޕޮއިންޓްގެ ލީޑެކެވެ. މިސެޓްގައި ލީޑްގައި ގިނަ ވަގުތު އޮވެގެން ކުޅެފައިވަނީ ރާއްޖޭގެ ޓީމުންނެވެ. ހާއްސަކޮށް، ނިލާމް، ހުޒާމް އަދި ކެޕްޓަން ސާޖިދުގެ ކުޅުން ފާހަގަކޮށްލެވުނެވެ. ލީޑްގައި ކުޅެމުންގޮސް، މެޗްގެ ހަތަރުވަނަ ސެޓް އަދި މެޗް ކާމިޔާބުކުރި ސެޓް ރާއްޖޭގެ ޓީމުން ހޯދާފައިވަނީ 25-19އިންނެވެ.