ޚަބަރު

ރޭޑިޔޯގެ ޚިދުމަތަށް 53 އަހަރު


ރާއްޖޭގައި ރޭޑިޔޯގެ ޚިދުމަތް ދޭންފެށިތާ 53 އަހަރު ފުރުމާގުޅިގެން މިދުވާހާ ގުޅޭ ޚާއްޞަ ޙަރާކާތްތަކެއް ދިވެހިރާއްޖޭގެ އަޑުން ފަށައިފިއެވެ.އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިއަދު ކުރިއަށްގެންދާ އެންމެ ޚާޞަ ހަރާކާތަކީ، އިސްލާމް ދީނުގެ ފުރިހަމަ މަޢުލޫމާތު އާންމުންނާއި ހަމައަށް ގެނެސްދިނުމަށްޓަކާ ޕަބްލިކް ސާވިސް މީޑިއާއިން އުފައްދާ ހާއްސަ ދީނީ ޗެނަލް އިފްތިތާހް ކުރުމެވެ.ރާއްޖޭގައި އެންމެ ފުރަތަމަ ރޭޑިއޯގެ ޚިދުމަތް ޤާޢިމުކުރެވުނީ 1962 ވަނަ އަހަރުގައެވެ. އެދުވަހު ރާއްޖޭގައި ޤާއިމްކުރެވުނު ފުރަތަމަ ރޭޑިއޯ ސްޓޭޝަން، ދިވެހިރާއްޖޭގެ އަޑުން ފުރަތަމަ ފޮނުވި ޓްރާންސްމިޝަންގެ ދިގުމިނަކީ 4 މިނެޓާއި ދެ ސިކުންތެވެ.ދިވެހިރާއްޖޭގެ އަޑުގެ 53 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު، މި ދުވަހާއި ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ އަޑުން ވަނީ ފަށާފައެވެ. މިއަދު ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ ޕްރޮގްރާމްތަކެއް، އަހަރީ ދުވަހަށް ޚާއްސަކޮށްފައިވާއިރު ޓީވީއެމް އާއި ގުޅިގެންވެސް، ޚާއްސަ ޕްރޮގްރާމްތަކެއް މިއަދު ފޮނުވަމުންދާނެއެވެ. އެގޮތުން ޚާއްސަ ލައިވް ޕްރޮގްރާމްތަކާއި، ގޭމް ޝޯވތައް ކުރިއަށްގެންދިޔުމަށް ރާވާފައިވާއިރު، މިރޭ ސްޓާފް ނައިޓެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.ދިވެހިރާއްޖޭގެ އަޑުގެ ތާރީޚަށް ބަލާއިރު، އެކިފަހަރު އެކި ނަންނަމުގައި އެ ސްޓޭޝަނުން ޚިދުމަތް ދީފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ 29 ޑިސެމްބަރ 1962ވަނަ ރޭޑިއޯގެ ޚިދުމަތް ފެށިގެން ގޮސްފައިވަނީ "މާލޭ ރޭޑިއޯ"ގެ ނަމުންނެވެ. އަދި އޭގެ އަހަރެއްހާދުވަސްފަހުން ރޭޑިއޯ ހިންގުން ސިނަމާ ކޮމްޕެނީގެ ދަށަށް ބަދަލުވެ، ރޭޑިއޯގެ ނަން "ސެނެކޯ ރޭޑިއޯ"އަށް ބަދަލުގެންދިޔައެވެ. އަދި 19 ފެބްރުއަރީ 1967ވަނަ އަހަރު ސެނެކޯ ރޭޑިއޯގެ ނަން، "މޯލްޑިވްސް އައިލެންޑް ބްރޯޑްކާސްޓިންގ ސާވިސް"، އެމް.އައި.ބީ.އެސްގެ ނަމަށް ބަދަލުކުރެވުނެވެ. އަދި 16 ފެބްރުއަރީ 1969ގައި އެމް.އައި.ބީ.އެސްގެ ނަން "ރޭޑިއޯ މޯލްޑިވްސް"އަށް ބަދަލުކުރެވުނެވެ.މިހާރު މިކިޔާގޮތަށް ދިވެހިރާއްޖޭގެ އަޑުގެ ނަމަށް ރޭޑިއޯގެ ނަން ބަދަލުކޮށްފައިވަނީ 19 ޖެނުއަރީ 1980ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމެވެ. ނަމަވެސް 2009ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ޤަރާރަކުން އުފެއްދެވި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، އެމް.އެން.ބީ.ސީ އިން ދިވެހިރާއްޖޭގެ އަޑުގެ ނަން "ރާއްޖެ ރޭޑިއޯ"ގެ ނަމަށް ބަދަލުކުރިއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ނަމުގައި އުފެއްދެވި، ކޯޕަރޭޝަންގެ ދަށަށް 2012ވަނަ އަހަރު ރޭޑިއޯ ބަދަލުވުމާއިއެކު، އެ ކުންފުނިންވަނީ ރާއްޖެ ރޭޑިއޯގެ ނަން އަލުން "ދިވެހިރާއްޖޭގެ އަޑު"ގެ ނަމަށް ބަދަލުކޮށްފައެވެ.މިހާރު ދިވެހިރާއްޖޭގެ އަޑު ހިނގަމުންދަނީ، ރައްޔިތުންގެ މަޖިލީހުން މިއަހަރު އުފައްދަވާފައިވާ ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ ދަށުންނެވެ. މި ކުންފުނީގެ ދަށަށް ދިވެހިރާއްޖޭގެ އަޑު ބަދަލުކޮށްފައިވަނީ މިއަހަރުގެ މެއި މަހުގައެވެ.ވޭތުވެދިޔަ 53 އަހަރަށް ބަލާއިރު، ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ފުޅާކޮށް ތަރަށްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑުން ޚަބަރާއި، މަޢުލޫމާތާއި، ތަޢުލީމާއި، ޢާންމުހޭލުންތެރިކަމާއި، ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ރޮނގުތަކުން ރާއްޖޭގެ ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުވައިދީފައިވެއެވެ.އަދި ޤައުމީ މުނާސަބަތުތަކާއި، އެކިއެކި އިޖްތިމާޢީ ކަންކަމުގެ މަޢުލޫމާތާއި ޚަބަރުތައް އާންމުންނާއި ހަމައަށް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.