ޚަބަރު

ރާއްޖެއިން މިހާތަނަށް އޮމިކްރޯންގެ 5 ކޭސް


ރާއްޖޭގައި މިހާތަނަށް ފެނިފައިވަނީ އޮމިކްރޯންގެ 5 ކޭސްކަމަށް އެޗްއީއޯސީއިން ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި މިވަގުތު ހަލުވިކަމާއެމު ފެތުރެމުން އަންނަ ކޯވިޑްގެ އޮމިކްރޯން ވޭރިއެންޓް ރާއްޖޭގައި އުޅޭކަން ދެނެގަތުމަށް ހެދި ޖީން ސީކުއެންސްތަކުން މިހާތަނަށް 5 ކޭސް ފެނިފައިވާކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މި ފަސް ކޭސްއަކީވެސް ރާއްޖެއަށް ދަތުރުކޮށްފައިވާ ފަތުރުވެރިންގެ ފަރާތުން ފެނިފައިވާ ކޭސްތަކެއްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އެޗްއީއޯސީން ވިދާޅުވީ މިހާތަނަށް ރާއްޖެއިން ހަދާފައިވާ ޖީން ސީކުއެންސްތަކުގެ 99 އިންސައްތައަކީ ޑެލްޓާ ވޭރިއެންޓު ކަމަށާއި އޮމިކްރޯންއަކީ 1 އިންސައްތައަށްވުރެވެސް މަދު ޢަދަދެއްކަމަށެވެ.

އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖޭގައި ކޭސްތައް ކުއްލިއަކަށް އިތުރުވަމުންދާ ސަރަޙައްދުތަކުން ސާމްޕަލްތައް ބޭރަށް ފޮނުވާ ޖީން ސީކުއެންސް ޓެސްޓުތައް ހަދަމުން އަންނަކަމަށެވެ. މިވަގުތު ރާއްޖޭގެ އެތެރޭގައި މިވޭރިއެންޓު އުޅޭކަން ދެނެގަނެވޭނީ އެންމެފަހުން ފޮނުވާފައިވާ މި ސަމްޕަލްތަކުގެ ނަތީޖާއާއެކުގައިކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

"ރާއްޖޭގައި އޮމިކްރޯން އުޅޭތޯ ބެލުމަށް ޖީން ސީކުއެންސް ހަދަމުން މިދަނީ. މިހާތަނަށް ފެނިފައިވާ 5 ކޭސްއަކީވެސް ރާއްޖެއިން ބޭރުން އިމްޕޯޓްވެފައިވާ 5 ކޭސް" އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގެ 21 ރަށެއް މިވަގުތުވެސް މޮނީޓަރިންގެ ޙާލަތުގައި އޮތް އިރު މި ރަށްރަށުން 749 އެކްޓިވް ކޭސް މިވަގުތު އޮތްކަން ޑރ.އަފްޒަލް ފާހަގަކުރެއްވިއެވެ. އަދި ބައެއް ސަރަޙައްދުތަކުގެ ކޭސްތައް މަދުނުވެ އިތުރުވެފައިވާކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫއާއި ނ.މާފަރާއި، ބ.އޭދަފުށީގެ އިތުރުން ތ.ވިލިފުށީގެ ހާލަތު ގޯސްކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. ޑރ.އަފްޒަލް ވަނީ ކުރިއަށް އޮތް ސްކޫލް ޗުއްޓީއާއި ދިމާކޮށް ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

"ކުރިއަށް އޮތީ ސްކޫލް ބަންދު ދުވަސްތަކެއް. ދަތުރުކުރުމުގައި ފިޔަވަޅުތަކެއް އަޅަންޖެހޭނެ. އެގޮތުން މާސްކަށް އިތުރަށް ސަމާލުވުމާއި ގިނަ ގިނައިން އަތްދޮވުމާއި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަކީ ވަރަށް މުހިއްމުކަމެއް." އަފްޒަލް ވިދާޅުވިއެވެ.

ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް ވިދާޅުވިނަމަވެސް ޑރ.އަފްޒަލް ވިދާޅުވީ އެންމެ ރައްކާތެރި ގޮތަކީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުންކަމަށެވެ. އޮމިކްރޯން ވޭރިއެންޓަކީ ސައުތް އެފްރިކާގެ ބައެއް ހިސާބުތަކުން ޢާއްމުވި ކޯވިޑްގެ ވޭރިއެންޓެކެވެ. ސައިންސްވެރިން ވިދާޅުވަނީ ބޫސްޓާރ ޑޯޒާއެކު މިވޭރިއެންޓުން ސަލާމަތްވުމުގެ ފުރުސަތު އެބައޮތްކަމަށެވެ.