ޚަބަރު

ބ.އަތޮޅުގެ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ދެމެހެއްޓެނި ގޮތެއްގައި ކުނި ނައްތާ ނުލެވުން


ކުނީގެ މައްސަލައަކީ ތަރައްޤީއަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށާއި، ދެހާސް ތިރީސްވަނަ އަހަރު އައުމުގެ ކުރިން މިކަމުން އަރައިގަނެ ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލާ އަތޮޅަކަށް ބ.އަތޮޅު ހަދާނެ ކަމަށް އަތޮޅު ކައުންސިލުން ބުނެފިއެވެ.

ކުނީގެ މައްސަލަ ބޮޑު ބ.އަތޮޅުގައި މިކަމަށް ހައްލު ހޯދުމަށް ބ.އަތޮޅު ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެއަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވީ ދެހާސް ތިރީސް އައުމުގެ ކުރިން މިކަމަށް އެކަށޭނަ ދެމެހެއްޓެވިނި ހައްލެއް ހޯދޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ. އެގޮތުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެކަން ކާމިޔާބު ވާނޭކަމުގެ އުންމީދުބޮޑު ކަމަށް އަފްރާހް ވިދާޅުވިއެވެ. ކުނީގެ ސަބަބުން އަތޮޅުގެ ތަރައްޤީއަށް އެޅިފައި އޮތް ހުރަސް ނައްތާލުމަކީ އެންމެ މުހިންމު އެއްކަން ކަމަށްވެސް އަޙްމަދު އަފްރާޙް ވިދާޅުވިއެވެ.

"ތަނެއް ތަރައްޤީވާނީ ކުނި ރަނގަޅު ގޮތުގައި ނައްތާލެވިގެން އެކަން އެބަފެނޭ އަތޮޅުގެ ބައެއް ރިސޯޓްތަކުންވެސް އެހެންވީމާ ތަރައްގީއަށް އޮތް މިހުރަސް ނައްތާލުމަށް ދިރާސާތަކެއް ވަނީ ހެދިފަ. އަދި އަމާޒަކީ ލަސްނުކޮށް މިކަމަށް ހައްލެއް ހޯދައިދިނުން" ބ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވިއެވެ.

ބ.އަތޮޅުގައި އޮންނަ ސޮނޭވާފުށި ހިންގާ ކުންފުނި، ސޮނޭވާ ފައުޑޭޝަންގެ ދަށުން ޕްލާސްޓިކް ނައްތާލާ އެތަކެތި ބޭނުން ކުރާވަރު މަދުކުރުމަށް ހަދާފައިވާ ސޮނޭވާ ނަމޫނާއިން އަންނަނީ މިހާރުވެސް އެއަތޮޅުގެ ކުނީގެ މައްސަލައަށް ހައްލުތަކެއް ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެކަން ކާމިޔާބުކަމަށާއި ކަންބޮޑުވުމަކީ އެއިން އެއްވެސް މާލީ މަންފާއެއް އަތޮޅުގެ ރަށްތަކަށް ނުކުރުން ކަމަށް ކައުންސިލްގެ ރައީސް އަފްރާހް ވިދާޅުވިއެވެ. އަފްރާޙް ވިދާޅުވީ އަތޮޅުގެ 10 އަހަރުގެ ތަރައްޤީގެ ޕްލޭންގައިވެސް ޚާއްސަ އިސްކަމެއް ދީގެން ކުނީގެ މައްސަލަ ހައްލުކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާނެކަމަށެވެ.

ބ.އަތޮޅުގެ ހަތް ރަށަކުން ކުނީގެ ގޮތުގައި އުކާލެވުނު 50 ޓަނުގެ ކުނި ރައްކާތެރިކަމާއެކީ ސޮނޭވާ ނަމޫނާ ޕްރޮޖެކްޓްގެ ދަށުން ވަނީ ބޭރުކޮށްފައެވެ. އެގޮތުން ބޭރުކޮށްފައިވަނީ ވޭތުވެދިޔަ ހަމަސްތެރޭގައި އުކާލާފައިވާ ކުނީގެ ތެރޭގައި ހިމެނޭ ދަނގަނޑުގެ ބާވަތްތަކާއި ކަރުދާހާއި ޕްލާސްޓިކްގެ ބާވަތްތަކެވެ.