ޚަބަރު

ޝީ އާއި ދިރާގުން ކުޑަކުދިންނަށް ރައްކާތެރި ޕްރޮގްރާމްތަކެއް


ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން، ޝީ އަދި ދިރާގު ގުޅިގެން ކުޑަކުދިން ރައްކާތެރި ކުރުމުގެ ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.



މިއަދު
ދިރާގު ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިރާގުގެ
ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ މާކެޓިންގް އަޙްމަދު މައުމޫން އަދި ޑިރެކްޓަރ ޕްރޮކިއުމެންޓް އެންޑް ޕްރޮޕަރޓީ މެނޭޖްމަންޓް މުޙައްމަދު ހަޒްމަތު އަބުދުﷲއެވެ. އަދި ޝީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޝީގެ ޓްރެޝަރާ
އިބްރާހިމް ފިރުޝާން އާއި ޑިރެކްޓަރ އޮފް ކައުސިލިންގް ޝިޔާމާ އަންވަރެވެ.



މި
އެއްބަސްވުމާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ދިރާގުގެ ޑިރެކްޓަރ މާކެޓިންގް
އަޙުމަދު މައުމޫން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޝީ އަދި ދިރާގު ގުޅިގެން
އަންނަ އަހަރު ތެރޭ ކުޑަކުދިން ރައްކާތެރި ކުރުމާއި އެކުދިންގެ ހައްޤުތަކަށް
ބެލެނިވެރިންނާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތަކެއް
ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.



މި
އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި
ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޝީގެ ޑިރެކްޓަރ އޮފް ކައުސިލިންގް ޝިޔާމާ
އަންވަރު ވިދާޅުވީ ބެލެނިވެރިންނާއި ޓީޗަރުން، ކުޑަކުދިންނަށް ކުރެވޭ
އަނިޔާތަކާއިމެދު ހޭލުންތެރިކުރުވުމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކަކާއި،
ބުލީ ކުރުން ނުވަތަ ހަނގާކުރުންފަދަ ނޭދެވޭ މައްސަލަތަކަށް މީހުން އަހުލުވެރިކުރުމާއި، އެކި ކަހަލަ
އަނިޔާއާއި ގޯނާތައް ލިބިފައިވާ ކުދިންނާއި މުޢާމަލާތް ކުރާނެ ފަރާތްތަކެއް، ސްކޫލްތަކުގައި ތަމްރީން ކުރުން ފަދަ ޕްރޮގްރާމްތައް ހިމެނޭ ކަމަށެވެ.