ކުޅިވަރު

ސީ ލައިސަންސް ކޯޗިން ކޯސް ފަށަނީ


ސީ ލައިސަންސް ކޯޗިން ކޯސް ހެދުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގައި ދިވެހި ކޯޗުން އުފެއްދުމަށް އެފްއޭއެމުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އެއިދާރާއިން ކުރަމުންގެންދާ މަސައްކަތެކެވެ. އެފްއޭއެމުން ހުޅުވާލި ސީ ލައިސަންސް ކޯޗިން ކޯހުގައި ބައިވެރިވުމަށް މިމަހުގެ 26ގެ ކުރިން އެއިދާރާއަށް ފޯމް ހުށައެޅުމަށް އެއިދާރާއިން އެދިފައިވެއެވެ. އެފްއޭއެމުން ވަނީ މިހާރު ބީ ލައިސަންސް ކޯޗިން ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައެވެ. ބީ ލައިސަންސް ކޯޗިން ކޯހުގައި ބައިވެރިވެވެނީ ސީ ލައިސަންސް ކޯޗިން ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.

މިކޯހުގައި ބައިވެރިންގެ އަތުން ފީއެއްގެ ގޮތުގައި 1500 ރުފިޔާ ނަގާ ގޮތަށް އެފްއޭއެމުން ވަނީ ނިންމާފައެވެ. އަދި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމާއެކު ހުށައަޅަން ޖެހޭތަކެތި ވީހާވެސް އަވަހަކަށް ހުށައެޅުމަށް އެފްއޭއެމުން ވަނީ އެދިފައެވެ. މިކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލް ކުރި ކޯޗް މުޙައްމަދު ޝާޒްލީއެވެ.

ބީ ލައިސަންސް ކޯޗިންގް ކޯސް ކުރިއަށް ދާނީ ދެ މޮޑިއުލަކަށް ބަހާލައިގެންނެވެ. ފުރަތަމަ މޮޑިއުލްގައި ކުލާސްތައް އޮންނާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 6 އިން 19 އަށެވެ. ދެވަނަ މޮޑިއުލްގް ކްލާސްތައް އޮންނާނީ މާޗް މަހުގެ 10 އިން 16ގެ ނިޔަލަށެވެ.