ކުޅިވަރު

ޕޮގްބާ މެންޗެސްޓަރ ދޫކޮށް ދާން ނިންމައިފި ނަމަ ނުހުއްޓުނާވަން - ރަންގްނިކް


އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ފަރަންސޭސި ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ޕޯލް ޕޮގްބާ އެޓީމް ދޫކޮށް ދާން ނިންމައިފި ނަމަ އޭނާގެ ވިސްނުން ބަދަލުކުރަން މަސައްކަތް ނުކުރާނެކަމަށް އެކްލަބާއި ވަގުތީގޮތުން ހަވާލުވި ކޯޗް ރަލްފް ރަންގްނިކް ބުނެފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ މިހަފްތާގެ މެޗާއި ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ޕޮގްބާ ޔުނައިޓެޑާއި ގުޅިފައިވަނީ 2016 ވަނަ އަހަރު އޭރުގެ ދުނިޔޭގެ ރިކޯޑް ފީއެއް ކަމަށްވާ 89 މިލިއަން ޕައުންޑަށެވެ. އަދި މިސީޒަނާއި އެކު އޭނާގެ ކޮންޓްރެކްޓް ހަމަވާނެ. އަދި މިހާތަނަށް ޔުނައިޓެޑާއެކު ޕޮގްބާއަށް ކޮންޓްރެކްޓް އާކުރުމާއި ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ރަންގްނިކް ބުނީ ޕޮގްބާއަކީ ޓީމްގައި ބަހައްޓަން ނުޖެހޭ ކުޅުންތެރިޔެކޭ ނުބުނާނެ ކަމަށާއި ނަމަވެސް ކުޅުންތެރިޔަކު ކްލަބްގައި މަޑު ކުރުވޭނީ އޭނާވެސް ހުންނަން ބޭނުންވެގެންކަމަށެވެ. އަދި ކުޅުންތެރިޔަކު މަޑުކުރަން ބޭނުން ނުވާނަމަ އެކުޅުންތެރިޔަކު މަޑުކުރުވަން މަސައްކަތް ކުރުމަކީ ބުއްދިވެރި ކަމެއް ނޫންކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑަކީ ވަރަށް ބޮޑު ކްލަބެއް ކަމަށާއި އަދި ސަޕޯޓަރުންވެސް އެހާގިނަ ވެފައި ބޮޑު ތާރީޚެއްވެސް އޮތް ކްލަބެއް ކަމުން މިފަދަ ކްލަބެއްގައި ކުޅުންތެރިޔަކު މަޑު ކުރުވަން މަސައްކަތް ކުރާކަށް ނުޖެހޭނެކަމަށެވެ. މިފަދަ ކްލަބެއްގައި ކުޅުންތެރިން އަމިއްލައަށް ބޭނުންވެގެން މަޑުކުރާނެކަމަށެވެ.

ޕޮގްބާ މިވަގުތު ހުރީ ފަރަންސޭސި ޤައުމީ ޓީމަށް ކުޅެނިކޮށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކުޅުމާއި ދުރުގައެވެ. އަދި ޕޮގްބާ އެއްކޮށް ރަނގަޅުވެގެން ކުޅުމުގެ ތެރެއަށް އައްނަން ވަގުތު ބޭނުންވާނެކަމަށާއި އަދި މިހާރު ވިސްނަންވީ އޭނާ އަވަހަށް ރަނގަޅު ކުރެވޭތޯ ކަމަށްވެސް ރަންގްނިކް ބުންޏެވެ.