ކުޅިވަރު

ކުއަޓަރގެ ފަހު ޖާގަތަށް އާރްއާރްސީ، އެމްޕީއެލް، ފެނަކަ އަދި އެސްޓީއޯ


ސަރުކާރު އޮފީސް ކުންފުނިތަކަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ފޯރިގަނދަ ފުޓްސެލް މުބާރާތުގެ ކުއަޓަރ ފައިނަލުގެ ފަހު ޖާގަ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)، އެމްޕީއެލް، ޓީމު ފެނަކަ އަދި އެސްޓީއޯއިން ހޯދައިފިއެވެ. މުބާރާތުގެ ދެވަނަ ބުރުގައި ވަރުގަދަ އާރްއާރްސީ ވަނީ ދިރާގުގެ މައްޗަށް 8 ލަނޑު 3 ލަނޑުން ކުރި ހޯދާފައެވެ. އެމްޕީއެލްއިން ވަނީ ފަސޭހަކަމާއެކު 6 ލަނޑު 1 ލަނޑުން މެޗް ކާމިޔާބުކޮށްފައެވެ. އެސްޓީއޯއިން ވަނީ 5 ލަނޑު 1 ލަނޑުން ޓްރޭޑް ކުލަބްގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ފެނަކައިން ވަނީ 3 ލަނޑު 0 ލަނޑުން ސްޓެލްކޯ ބަލިކޮށްފައެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗް އާރްއާރްސީއިން ފަސޭހަކަމާއެކު ކާމިޔާބުކުރިއިރު، މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ އާރްއާރްސީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަސްވަދުއެވެ. މެޗްގެ ދެވަނަ ހާފްގައި އާރްއާރްސީއިން ވަނީ އިތުރު ހަތަރު ގޯލް ޖަހާ ލީޑް ފުޅާކޮށްފައެވެ. މިލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަސްވަދާއި އިސްމާޢީލް މުނީޒް، އިބްރާހިމް މައިޝާން އަދި އާދަމް ނާސިހެވެ. މިމެޗްގައި ދިރާގުން ޖެހި ތިން ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫހު ނަސީރާއި އިބްރާހިމް އަތީގް ހަސަނެވެ.

އުރީދޫ އާއި އެމްޕީއެލް ވާދަކުރި މެޗްގައި އެމްޕީއެލްގެ ގޯލްތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޔަފާއު، ހަސަން ނިމާލް، ސިނާން އިބްރާހިމް ރަޝީދު، ނާއިހު މުފީދު އަދި އަހުމަދު އިމާޒެވެ. މިމެޗްގައި އުރީދޫއިން ޖެހި ހަމައެކަނި ލަނޑުއެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން އާތިފެވެ. މިމެޗްގައި ގައުމީ ޓީމްގެ ފޯވާޑް ހަމްޒާ މުޙައްމަދު ވެސް ވަނީ ކުޅެން އަރާފައެވެ. ނަމަވެސް ހަމްޒާއަށް މިމެޗްގައިވެސް މާ ރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ސްޓެލްކޯގެ މައްޗަށް ފެނަކައިން ތިން ލަނޑު ޖަހާފައިވާއިރު، މިތިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޔާޒު އަހުމަދު، އަހުމަދު ހަލީމް އަދި ރިހާމް ޢަބްދުލްޣަނީއެވެ. މިމެޗްގައި ސްޓެލްކޯއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަށް ހިފޭގޮތެއް ނުވިއެވެ. އެސްޓީއޯގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ވަޖީހު، އިނާން އަހުމަދު، އަމީން އިބްރާހިމް އަދި ޝާން އަހުމަދެވެ. ޓްރޭޑްގެ ހަމައެކަނި ގޯލު ޖެހީ ސައިފާން އަހުމަދު މަނިކެވެ.

މިމުބާރާތުގެ ކުއަޓަރ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުއެވެ. ހޮނިހިރު ދުވަހު ކުޅޭ ފުރަތަމަ މެޗްގައި ވާދަކުރާނީ ޕްރިޒަން ކްލަބާއި އެމްއޭސީއެލްއެވެ. އަދި އެރޭ ކުޅޭ ފަހު މެޗްގައި ވާދަކުރާނީ އެޗްޑީސީ އާއި އެފްއެސްއެމެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅޭ ކުއަޓަރ ފައިނަލްގެ ފުރަތަމަ މެޗްގައި ވާދަކުރާނީ އެމްޕީއެލް އާއި އާރްއާރްސީއެވެ. ދެވަނަ މެޗްގައި ވާދަކުރާނީ އެސްޓީއޯ އާއި ފެނަކައެވެ.