ޚަބަރު

"ސަމިޓް ފޮރ ޑިމޮކްރަސީ"ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި


އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ވަރޗުއަލްކޮށް ކުރިޔަށްގެންދެވި "ސަމިޓް ފޮރ ޑިމޮކްރަސީ" ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

ވައިޓްހައުސް އިން ވަރޗުއަލްކޮށް ބާއްވަވާ މި ޙަރަކާތުގައި ޤައުމުތަކުގެ ވެރިންނާ، އެންމެ އިސް ލީޑަރުންގެ އިތުރުން ސަރުކާރުތަކުގެ އިސްވެރިން އަދި ބައިނަލްޢަޤްވާމީ، މަދަނީ ޖަމުޢިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ސަމިޓްގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ އަދުގެ ދުނިޔޭގައި ޑިމޮކްރަސީގެ މުހިންމުކަމާއި، ޤައުމުތަކުގެ ހަމަޖެހުމަށް ޑިމޮކްރަސީގެ ސަބަބުން ލިބިފައިވާ ހިތްވަރަށް އަލިއަޅުވާލާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ދުނިޔޭގައި މިހާރު މި ފެންނަ ހަމަޖެހުން ޤާއިމުކުރެވިފައި ވަނީ އެއްޤައުމު އަނެއްޤައުމާއި ގުޅިގެން މަސައްކަތްކުރުމުން ކަމުގައި ވިދާޅުވިއެވެ.

"ސަމިޓް ފޮރ ޑިމޮކްރަސީ"ން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަކީ ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަނިޔާވެރިކަން ހުއްޓުވުމާއި، ކޮރަޕްޝަން ނައްތާލުމާއި އިންސާނީ ޙައްޤުތަކަށް އިހްތިރާމްކުރުމަށް ބާރުއެޅުމާއި، ދުނިޔޭގައި ޑިމޮކްރަސީ ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް އަޑުއަހާ، އެވާހަކަތައް ދެއްކުމުގައި ޤައުމުތަކުން އިސްނަގައިގެން އެކަންކަމާމެދު މަޝްވަރާކުރުމެވެ.