ސިޔާސީ

14ވަނަ ބާލީ ޑިމޮކްރަސީ ފޯރަމުގައި ރާއްޖެއިން ބައިވެރިވެއްޖެ


ބާލީ ޑިމޮކްރަސީ ފޯރަމްގެ 14ވަނަ ފޯރަމްގައި ދިވެހިރާއްޖޭން ބައިވެރިވެއްޖެއެވެ. ރާއްޖޭގެ ފަރާތުން މި ފޯރަމްގައި އިސްކޮށް ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލެވެ.

އިންޑޮނޭޝިއާ ސަރުކާރުން އިސްނަގައިގެން ވަރޗުއަލްކޮށް ބޭއްވި މި ހައިބްރިޑް ބައްދަލުވުމަކީ "ޑިމޮކްރަސީ ފޮރ ހިއުމެނިޓީ: އެޑްވާންސިންގ އިކޮނޮމިކް އެންޑް ސޯޝަލް ޖަސްޓިސް އިން ޕެންޑެމިކް" މި ޝިއާރުގެ ދަށުން ބޭއްވި ބައްދަލުވުމެކެވެ.

މި ފޯރަމްގެ ތެރެއިން ކުރިއަށްގެންދިޔަ ޑިމޮކްރަސީއާއި އެންމެންގެ ބައިވެރިވުން އިތުރުކުރުމާގުޅޭ ޕެނަލް ޑިސްކަޝަންގައި ސްޓޭޓް މިނިސްޓަރު ޚަލީލް ބައިވެރިވެވަޑައިގަތެވެ. ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ޑިމޮކްރެޓިކް ނިޒާމުތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ތަޖުރިބާއާއި ބެސްޓް ޕްރެކްޓިސް ޙިއްޞާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ފާއިތުވި އަހަރުތަކުގައި ޖަމާވެފައިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކަކީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިތުރަށް ގޯސްވެފައިވާ މައްސަލަތަކެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިންނަށް ޢަދުލު އިންޞާފު ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި ކޯވިޑުން ދިފާޢުވުމަށް ޤައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިންގެ ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، މި ބަލިމަޑުކަމުން އަރައިގަތުމަށް ޤައުމުތަކުން ގުޅިގެން މަލްޓިލޭޓަރަލް ސޮލިޑަރިޓީގައި މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ.

މި ޕެނަލް ޑިސްކަޝަންގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެންއާއި، ނިއުޒީލެންޑްގެ ޚާރިޖީ ވަޒީރު ނާނިއާ މަހޫތާއާއި، ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތު ޗަވުސޮގްލޫއާއި، އދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައި ކޮމިޝަނަރ މިޝޭލް ބެޝެލެޓްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

2008 ވަނަ އަހަރު އުފެއްދި ބާލީ ޑިމޮކްރަސީ ފޯރަމަކީ ކޮންމެ އަހަރަކު އިންޑޮނޭޝިއާގެ ބާލީގައި ބާއްވާ ބައިނަލްޢަޤްވާމީ ފޯރަމެކެވެ. މި ފޯރަމްގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުގެ ވަޒީރުންނާއި، ސަރުކާރުތަކުގެ އިސް ބޭފުޅުންނާއި، ތަޖުރިބާކާރުންނާއި، ކަމާބެހޭ ޖަމްޢިއްޔާ ޖަމާޢަތްތައް އެއްތަނަކަށް އެއްވެ، ޑިމޮކްރެޓިކް މުޖުތަމަޢުތައް ބިނާކުރުމުގައި ދަސްވި އަގުހުރި ބެސްޓް ޕްރެކްޓިސްތަކާއި ފިލާވަޅުތައް ޙިއްޞާކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.