ޚަބަރު

ބޯހިމެނުމުގައި ބޭނުންކުރާ ސުވާލު ކަރުދާސްތައް ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފި


އަންނަ އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ ޕްރޮގްރާމަށް ތައްޔާރުވުމުގެގޮތުން ބޯހިމެނުމުގައި ބޭނުންކުރާ ސުވާލު ކަރުދާސްތައް ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވީ، މި ސުވާލު ކަރުދާސްތައް ޓެސްޓުކުރުމަށްޓަކާ އެ އިދާރާގެ މުވައްޒަފުން މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ ބައެއް ސަރަހައްދުތަކުގައި މިއަދުން ފެށިގެން ހަރަކާތްތެރިވާނެކަމަށެވެ.

ތަފާސްހިސާބާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއީ ބޯހިމެނުމުގެ ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން އެޕްރޮގްރާމްގައި ބޭނުންކުރުމަށް ނިންމާފައިވާ ސުވާލުތައް ޓެސްޓުކޮށް މަޢުލޫމާތު ނެގޭ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ޙަރަކާތެއްކަމަށެވެ. އަދި މިކަމުގެ މަޤްސަދަކީ ބޯހިމެނުމުގެ ކުރިން ސުވާލުކަރުދާސް އިތުރަށް ރަނގަޅުކޮށް ފައިނަލްކުރުންކަމަށެވެ.

މިޙަރަކާތުގެ ތެރެއިން މާލޭގެ 4 ސަރަޙައްދަކުން 4 ބްލޮކްގައި ހިމެނޭ ގޭބިސީތަކަށް ސްޓެޓިސްޓިކްސް ބިއުރޯގެ މުވައްޒަފުން މަޢުލޫމާތު ހޯދުމަށް ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ގަލޮޅު، މާލޭ މުނިސިޕަލް ބްލޮކް 150އާއި މައްޗަންގޯޅި މާލޭ މުނިސިޕަލް ބްލޮކް 177އާއި، 174އާއި 227އެވެ. މީގެއިތުރުން ވިލިމާލެއާއި ހުޅުމާލޭގައި ހޮވާލެވޭ ސަރަޙައްދުތަކުން ބައެއް ގޭބިސީތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މިއީ އަންނަ އަހަރުތެރޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ ޕްރޮގްރާމްގެ ތެރެއިން ވީހާވެސް ބޮޑަށް ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތާއި ޤައުމުގެ ޢާއްމު ޙާލަތު ދެނެގަތުމަށްކުރިއަށްގެންދާ ޙަރަކާތަކަށްވާތީ މިކަމުގައި ޢާއްމުންގެ އެއްބާރުލުން ވީހާވެސް ބޮޑަކަށް ދެއްވުމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އެ އިދާރާއާއިން ވިދާޅުވީ، މި މަސައްކަތުގައި ޙަރަކާތްތެރިވާނީ ސްޓެޓިސްޓިކްސް ބިއުރޯގެ މުވައްޒަފުން ކަމަށާއި، އޮފީސް ކާޑާއި މިކަމާ ގުޅޭ ސަރކިއުލާރ މުވައްޒަފުންގެ އަތުގައި އޮންނާނެކަމަށެވެ.

ބޯހިމެނުމަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ރައްޔިތުންގެ ޢާއްމު ޙާލަތާއި ދިރިއުޅުމުގެ ފެންވަރާއި ޢާމްދަނީ ބެހިގެންވާ ގޮތުގެ މަޢުލޫމާތު ޤައުމީ ފެންވަރުގައި އެއްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުގައެވެ. ތަފާސްހިސާބާ ބެހޭ ޤައުމީ އިދާރާއިން މިހާރު އަންނަނީ އަންނަ 2022 ވަނަ އަހަރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތަށެވެ. ބޯހިމެނުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.

ބޯހިމެނުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށްޓަކާ، ބޯހިމެނުމުގައި ބޭނުންކުރާނެ ސުވާލު ކަރުދާސް ޓެސްޓުކުރުމުގެ މަސައްކަތް މާލޭ ސަރަހައްދުގައި މިހާރު ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި އަތޮޅުތެރޭގެ ރަށްރަށުގައިވެސް މިހަރަކާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވެއެވެ.