ޚަބަރު

ކޯވިޑްގެ ޢަދަދުތައް އެއްވަރެއްގައި، މިއަދުވެސް 128 މީހަކު ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 128 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 128 މީހުންނެވެ. މީގެތެރެއިން 79 މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 46 މީހުންނެވެ. އަދި ރިސޯޓަކުންވެސް 3 ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 92،629އަށް އަރާފައެވެ.

ކޯވިޑް ޖެހިގެން މިވަގުތު 1،876 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 19 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 84 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 90،485 މީހަކު ވަނީ ބަލިން ރަނަގޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،004 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ކޯވިޑްގެ އައު ވޭރިއެންޓް ކަމަށްވާ "އޮމިކްރޯން" ހަލުވިކަމާއެކު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން އަނެއްކާވެސް މާސްކަށް އިތުރު ސަމާލުކަމެއް ދިނުމަށާއި ގައިދުރުކަން އިސްކޮށް ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ގެއިން ބޭރަށް ނުދިޔުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ޖެހުމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.