މާލޭގެ މަގުމަތިން ސިފައިންގެ މީހަކު ހިފަހައްޓައި، ފައިސާ ހޯދުމަށް ރަހީނުކުރި މައްސާލާގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މަގުމަތިން ހިފަހައްޓައި ބޮޑެތި އަނިޔާތަކެއް ދީފައިވަނީ އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުގައި މަސައްކަތްކުރާ ޢުމުރުން 37 އަހަރުގެ ސާޖަންޓް ޙަސަން ފަހީމްކަމަށެވެ. ސާޖަންޓް ޙަސަން ފަހީމަށް ފުރަތަމަ ހަމަލާދީފައިވަނީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ހަނި ގޯޅިން ހިނގާފައި ދަނިކޮށް އޭނާ ހިފަހައްޓައި ރަހީނުކުރީ ފައިސާ ހޯދުމަށްކަމަށާއި، ތަނަކަށް ގެންގޮސް ފައިސާ ހޯދަން ބަޔަކު ކުރިމަސައްކަތް ކާމިޔާބު ނުވުމުން އެމީހުން ވަނީ އޭނާ އައިޖީއެމްއެޗް ކައިރިއަށް ގެންގޮސް މަގުމައްޗަށް ވައްޓާލާފައިކަމަށް ޢާއިލާއިން ބުނެފައިވެއެވެ.
ފުލުހުން ވިދާޅުވީ، ސިފައިންގެ މީހާ ގެސްޓްހައުސްއަކަށް ގެންގޮސް އަނިޔާކުރި މައްސަލާގައި ތިން ދިވެހިން ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައާއި ގުޅިގެން ވިލިމާލޭ ގެސްޓްހައުސްއެއް ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފަހީމް ވިލިމާލޭ ގެސްޓްހައުސްއަކަށް ގެންދިޔައީ އޭނާއާ ސީދާ ގުޅުމެއް ނެތް ނަމަވެސް އެ މީހަކާއި ފަހީމާ ދެމެދު ކޮންމެވެސް ކަހަލަ މުއާމަލާތްތަކެއް ކުރެވިގެން، ބަޔަކު ރާވައިގެންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުން އަންނަކަމަށެވެ. ފަހީމަށް ދިން އަނިޔާއާއި ގުޅޭގޮތުން ޤައުމީ ދިފާޢީ ބާރުން ވިދާޅުވެފައިވަނީ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ ފަރާތްތަކުން ކުރަމުންދާ ޢަމަލުތަކަކީ އެއްވެސް ފަރާތަކުން ޖާގަ ދެވިގެންވާނެ ޢަމަލުތަކެއް ނޫންކަމަށާ، ސިފައިންނަށް ދޭ މިފަދަ ފިނޑި ހަމަލާތަކުގެ ސަބަބުން ޤައުމީ ޚިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެކަމަށެވެ.
މިދިޔަ މަަހުގެ ކުރީކޮޅު ވެސް މީހަކު ވިލިމާލޭ ގެސްޓްހައުސްއަކަށް ގެންގޮސް ފައިސާ ހޯދަން އުޅުނު މައްސަލައެއް ފެންމަތިވެފައިވެއެވެ.