ޚަބަރު

ވިލިމާލޭގައި ބެޓެރި ކާރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ


ވިލިމާލޭގައި ބެޓެރީ ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ބެޓެރީ ކާރުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ވިލިމާލޭގައި 24 ގަޑިއިރު ދޭނެ ބަޔަކު ބޭނުންވާކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަނަށް ދިއުމުން މިކަމާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މި ކަމަށް ޝައުގުވެރިވާ މީހުން ބީލަން ހުށަހަޅަންޖެހޭ ތާރީޚަކީ މި މަހުގެ 20 ވަނަ ދުވަހެވެ. އަދި ބީލަން ހުށަހެޅޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ބެޓެރީ ނުވަތަ އިލެކްޓްރިކް 10 ކާރު ހޯދުމަށް ނިންމާފައިވާކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ވިލިމާލެއަކީ ބަގީގެ ޚިދުމަތްދޭ ރަށަކަށްވެފައި ބަގީގައި ނުގެންދެވޭ ތަކެތި ވެސް ހުންނާތީ ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ.

ވިލިމާލޭގައި މީހުން އާބާދުވީއްސުރެ އެއަވަށަކީ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ރަށެކެވެ. އެއަވަށުގައި މުޅިންވެސް ބޭނުންކުރަމުން އަންނަނީ ތިމާވެއްޓާއި ރަށްޓެހި އުޅަނދުތަކެވެ. ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވާލުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.