ޚަބަރު

އޮމިކްރޯންއަށް ރާއްޖެއިން ޕޮޒިޓިވްވީ ސައުތު އެފްރިކާއިން އައި ފަތުރުވެރިއެއް


ކޯވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަންދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ. އެޗްޕީއެއީން މިކަމަށް އިލްތިމާސް ކުރެއްވީ ކޯވިޑްގެ އައު ވޭރިއަންޓް، އޮމިކްރޯންއަށް ޕޮޒިޓިވް ކޭސްއެއް ރާއްޖެއިން ފެނުމާ ގުޅިގެންނެވެ.

އޮމިކްރޯންއަށް ޕޮޒިޓިވްވެފައިވަނީ ސައުތު އެފްރިކާއިން މިދިޔަ ނޮވެމްބަރ 21 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިއެކެވެ. މިފަތުރުވެރިޔާ އޮމިކްރޯންއަށް ޕޮޒިޓިވްވިކަން އެނގުނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް 30 ނޮވެންބަރގައި ރާއްޖެއިން ބޭރަށް ޓެސްޓްކުރުމަށް ފޮނުވި ސާމްޕަލްތަކުންނެވެ. ޖިނޯމިކް ސިކުއެންސިން ހެދުމަށްޓަކައި ޤަވާއިދުން
ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއު.އެޗް.އޯގެ އެހީގައި ޓެސްޓުކުރަމުން އަންނަ ކަމަށާއި، ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ވޭރިއަންޓް ކަމަށް އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ.

ކޯވިޑްގެ އާ ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން އަކީ "ވޭރިއަންޓް އޮފް ކޮންސަރން' އެއް ކަމަށް 26 ނޮވެންބަރު 2021 ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައެވެ. ދެކުނު އެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ވޭރިއަންޓްތަކަށްވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއަންޓެއް ކަމަށާއި މިއީ އިތުރު ނުރައްކާތެރިކަމާ ކުރިމަތިވެދާނެ ވޭރިއަންޓެއްކަން ފާހަގަކޮށް މި ވޭރިއަންޓާމެދު އިތުރު ސަމާލުކަން ދިނުމަށް އެޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ. އަދި ޤައުމުތަކުން ވޭރިއަންޓް ދެނެގަތުމަށް ޓެސްޓުކުރުމަށާއި ބަލި ފެތުރުމުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް ހަރުދަނާކުރުމަށް ޑަބްލިޔުއެޗްއޯއިންވަނީ ގޮވާލާފައެވެ. މި ވޭރިއަންޓާބެހޭ ގޮތުން އިތުރު ދިރާސާތައް ކުރެވި ކަމާބެހޭ މައުލޫމާތު އެއްކުރުމަށް ފަންނީ މަސައްކަތްތައް ކުރެވެމުން ދާއިރު މި ވޭރިއަންޓް ފެނިފައިވާ ޤައުމުތަކުގައި ބަލި ފެތުރުން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖެއާއެކު 46 ޤައުމަކުން މިވައިރަސް ފެނިފައިވާ ކަމަށް މިހާރުވަނީ ރިޕޯޓް ކޮށްފައެވެ.

އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި އަމަލުކުރުމަށް އެޗްޕީއޭއިން އިރުޝާދުދީފައިވާ ގައިޑްލައިންތަކާއި ފިޔަވަޅުތަކަށް މުހިންމު ސަމާލުކަމެއް ދިނުމަށްވެސްވަނީ އިލްތިމާސްކުރައްވާފައެވެ.

އާ ވޭރިއަންޓެއްގެ ސަބަބުންނާއި ބަލިން ރައްކާތެރިވުމަށް ފަރުވާ ކުޑަވުމުގެ ސަބަބުން ބަލިފެތުރުން އިތުރުވެ ކޯވިޑް-19 ގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެންމެންގެ އެއްބާރުލުން މުހިންމުކަން ހާމަކުރައްވަމުން އެޗްޕީއޭއިންވަނީ ބަލިން ރައްކާތެރިވުމަށާއި ބަލި ޖެހިއްޖެނަމަ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.

ރައްކާތެރިވުމުގެ ގޮތުން އަޅަން އަންގާފައިވާ ފިޔަވަޅުތައް:

  • މާސްކް އެޅުން، ގައިދުރުކަން ބެހެއްޓުން، އަތް ސާފުކުރުން
  • ބަލީގެ އަލާމާތެއް ހުރިނަމަ ފްލޫކްލިނިކަށް ދައްކާ ޓެސްޓުކުރުން އަދި ބަލިޖެހޭ މީހުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަހެރިވުމާއި ކޮންޓެކްޓުން ރަނގަޅުގޮތުގައި ކަރަންޓީނުވުން
  • ބަލި ދެނެގަތުމަށް ކުރެވެމުންދާ އެކްޓިވް ސަރވެއިލަންސަށް ސާމްޕަލް ދިނުމުގައި އެއްބާރުލުން ދިނުން
  • އޮފީހާއި މަސައްކަތުގެ މާހައުލުގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި އަތް ދޮވުމާ އަތްޖެހޭ ތަންތަން ގިނަ ގިނައިން ސާފުކުރުން އަދި ގައިދުރުކަން ބެހެއްޓުން
  • ދަތުރުފަތުރު ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށާއި ގައިޑްލައިންތަކާ އަމަލުކުރުން
  • އެކި ހަފްލާތަކާއި އިވެންޓްތައް ބޭއްވުމުގައި ކަނޑައެޅިފައިވާ ގައިޑްލައިންތަކާއެއްގޮތަށް އަމަލުކުރުން
  • ވެކްސިން ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކުރުމާއި ބޫސްޓަރ ޑޯޒްޖެހުމަށް ކަނޑައަޅާފައިވާ ފަރާތްތައް ބޫސްޓަރ ޑޯޒް ޖެހުން.


ކުރިއެކޭވެސް އެއްގޮތަށް ބަލީގެ ޙާލަތަށް އަންނަ ބަދަލުތައް މޮނިޓަރކޮށް ބަލަމުންދާނެ ކަމަށާއި ބަލި ކޮންޓްރޯލުކުރުމުގެ ފިޔަވަޅުތައް ޙާލަތާގުޅިގެން އަޅަމުންދާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.