ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ނިންމަން ޖެހެއެވެ. ނަމަވެސް މަޖިލީހުގައި ނުނިމި ގިނަ މަސައްކަތްތަކެއް ހުރުމުން އެ މުއްދަތު 2 ފަހަރަކު ވަނީ އިތުރުކޮށްފައެވެ. އެންމެފަހުން މުއްދަތު އިތުރުކުރީ، މިމަހުގެ 27ވަނަ ދުވަހާ ހަމައަށެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ، ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ދެވަނަ ދައުރު ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު، ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ދައުރު ހަމަވި ނަމަވެސް މިމުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރެއްގެ މުއްދަތު އިތުރު ކުރެއެވެ. މިގޮތަށް ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސް ކޮށްގެންނެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލިސް ޗުއްޓީއަށް ނުދެއެވެ. މުހިންމު މަސައްކަތްތަކެއް ހުރުމުން ފުރަތަމަ ދައުރުގެ ޖަލްސާތައް ދަންމާލައި، ދެވަނަ ދައުރު ފަށާފައިވަނީ އެ ޖަލްސާތައް ނިމުނު ހަފުތާއަށްފަހު ޗުއްޓީއަށް ނުގޮސް ތިއްބައެވެ.
ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ މިއަހަރުގެ 3ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ، އޮކްޓޯބަރު މަހުގައެވެ.