ޚަބަރު

ޝަރީއަތް ނިމެންދެން ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ގޮތެއް ނިންމަނީ


ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ޝަރީއަތްތައް ނިމެންދެން ޕާސްޕޯޓް ހިފެއްހެއްޓުމާއި ގުޅޭގޮތުން މިއަދު ގޮތެއް ނިންމުމަށް ކުރިމިނަލްކޯޓުން ތާވަލުކޮށްފިއެވެ. އެމްއެމްޕީއާރުސީން ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ދޫކުރި ރ. ފުއްގިރިއާއި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމިންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއާއި ރިޝްވަތުގެ ހިފުމުގެ ދައުވާ އުފުލާފައެވެ.

މި ދެ މައްސަލަތަކުން މިއަދު ކުރިމިނަލްކޯޓްގައި ބާއްވާފައިވަނީ ފުއްގިރި މައްސަލާގައި އުފުލާފައިވާ ދެ ދަޢުވާގެ އަޑުއެެހުމެވެ. މީގެކުރިންވެސް އަޑުއެހުންތަކެއް ކުރިޔަށް ގެންދިޔަ މި މައްސަލާގައި މިއަދުގެ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރާއި މެދު ގޮތެއް ނިންމުމެވެ.

މިއަދުގެ އަޑުއެެހުމުގައި ދައުލަތުން ވަނީ މި މައްސަަލައިގެ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފަހައްޓާ ދިނުމަށް އެދިފައެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުނީ އެކަށީގެންވާ މައުލޫމާތާއި، ރާއްޖެ ދޫކޮށް ހިނގައިދާނެކަމުގެ ހެކި ލިބިފައިވާތީކަމަށެވެ. އަދި އުފުލާފައިވާ ދައުވާގެ ކުށުގެ ބާވަތައް ބަލާއިރު ފުރުން މަނާކުރެވޭނެ ފަދަ ހާލަތެއް އޮތްކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މައްސަލައަށް ޖަވާބުދާރީވަމުން ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ބުނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރާއި ގުޅޭ ފޯމްތައް ލިބުނީ ހެނދުނުކަމަށެވެ. އެހެންކަމުން މައްސަލަ ދިރާސާކުރުމަށް 2 ހަފްތާގެ މުއްދަތެއް ދިނުމަށް އެ ޓީމުން ވަނީ އެދިފައެވެ. މި މައްސަލާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއިން ފުރާވަޑައިގެންފާނެކަމަށް ފުލުހުންނާއި ދައުލަތުގެ ވަކީލުން ތުހުމަތުކޮށް އެ ވާހަކަ ދައްކަވާތީ އެ ކަންކަން ބައްލަވަން ބޭނުންފުޅުވާކަމަށެވެ. ރައީސް ޔާމީނު ރާއްޖެއިން ފުރާވަޑައިގެންފާނެކަން ބަޔާންކޮށް ވަކި ހެއްކެއް ހުށައަޅާފައި ނުވި ނަމަވެސް، އެމަނިކުފާނު ފިއްލަވާނެ ފަދަ ސަބަބުތައް ހުރިނަމަ އެކަމަށް ފަނޑިޔާރަށް ރިއާޔަތް ކުރެވޭނެ ކަން ދައުލަތުގެ ވަކީލްވަނީ ފާހަގަކުރައްވާފައެވެ.

ދެ ފަރާތުގެ ވާހަކަތައް ރިއާޔަތްކޮށް މައްސަލަ ބައްލަވާ ގާޒީ ވަނީ މައްސަލަ ދިރާސާކުރުމަށް ރައީސް ޔާމީންގެ ވަކީލުންނަށް ފުރުސަތު ދެއްވާފައެވެ. އަދި މި މައްސަލައިގައި ގޮތެއް ނިންމުމަށް މިއަދު ހަވީރު 16:00 އަޑުއެހުމެއް ބާއްވާނެކަންވެސް ވަނީ ގާޒީ އިއުލާންކުރައްވާފައެވެ.

ފުއްގިރި މައްސަލާގައި ދައުވާގައި ވަނީ އެރަށް ސިޓީ އައިލެންޑް ހޯލްޑިންސަށް ކުއްޔަށް ދޫކުރުމުގައި އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށް 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ރައީސް ޔާމީން ޤަބޫލުކުރައްވާފައިވާކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ރައީސް ޔާމީންގެ އެކުންޓަށް ޖަމާކޮށް މަނީ ލޯންޑަރ ކޮށްފައިވާކަމަށެވެ.

މި މައްސަލާގައި ދައުލަތުން ވަނީ ރައީސް ޔާމީން ދައުލަތަށް ހިޔާނަތްވެފައިވާކަމަށް ކުރާ ތުހުމަތުތަކާއި ގުޅުގެން 1.1 މިލިއަން ޑޮލަރު ދައުލަތަށް ނަގާދިނުމަށް އެދިފައެވެ. އަދި މި މައްސަލާގައި ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމެންޓާއި ސަން ކޮންސްޓަރަކްޝަންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ކްރިމިނަލްކޯޓްގައި ފަށާފައެވެ.