ޚަބަރު

ފީ ދައްކައިގެން ޕާކް ކުރުމަށް 211 މީހަކަށް ފުރުޞަތު ދީފި


މާލެ ސިޓީގެ ބައެއް މަގުތަކާއި ގޯޅިތަކާއި ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިންގ ޒޯންތަކުން އަގުނަގައިގެން ވެހިކަލްތައް ޕާކްކުރުމަށް ކަނޑައަޅާފައިވާ ޖާގަތަކަށް ހޮވުނު 211 މީހަކަށް ތަން ހަވާލުކޮށްފިއެވެ.

މިއީމިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުޞަތުގެ ތެރެއިން ދޫކުރި ޖާގަތަކެކެވެ.

މާލެ ސިޓީ ކައުންސިލްގައި ކުރިއަށްދިޔަ ގުރުއަތުލުމުގައި ސިޓީ ކައުންސިލުން ދޫކުރަން ނިންމާފައިވާ 211 ޕާކިންގ ސްލޮޓްގެ ހައްގުވެރިން ވަނީ ހޮވާފައެވެ. މި ޖާގަތަކަށް އެދި 969 މީހަކު ކުރިމަތިލާފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ މި ސްލޮޓްތަކަށް ކުރިމަތިލި ކޮންމެ ފަރާތަކަށްވެސް ސްލިޕެއް ހަވާލުކުރި ކަމަށެވެ. ގުރުއަތު ނެގުމަށް ބޭނުންކޮށްފައިވަނީ ސްލިޕް ނަންބަރު ކަމަށާއި، މި ސްލިޕް ނަންބަރުތައް މިއަދުގެ ވަގުތެއްގައި މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް، އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.

އަދި ގުރުއަތުން ހޮވުނު ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ މަސައްކަތްވެސް މިއަދުން ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށާއި، އެގްރީމެންޓް ހަދައި ޕާކިންގ ސްލޮޓްތައް ދޫކުރަމުންދާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ. މީގެ އިތުރުން ގަރާޖުތައް ދޫކުރުމަށް ޑިސެމްބަރު 15ގެ ފަހުން އިއުލާނުކުރާނެ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ
.

މި ޖާގަތަކުގެ ތެރެއިން އެންމެ ގިނަ ޖާގައަށް ހުޅުވާލާފައިވަނީ ހެންވޭރު ސަލްމާން މިސްކިތު ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ ޕާކިންގ ޒޯންތަކުންނެވެ. އެގޮތުން އެ ސަރަޙައްދުން 58 ޖާގަ ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. ދެން އެންމެ ގިނަ ޖާގަ ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވަނީ މއ. ވައިދެރިހިނގުން (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) އިންނެވެ. އެ ސަރަޙައްދުން 44 ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

ވެހިކަލް ޕާކްކުރަން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ އިތުރު ޖާގަތަކުގެ ތެރޭގައި މއ. ރާދަފަތިހިނގުން (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު) އިން 21 ޖާގަ، މއ. ކުރެދިގޯޅިން 10 ޖާގަ، މއ. ހުދުފަޅުހިނގުމުން 8 ޖާގަ، މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅިން 20 ޖާގަ، މ. ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑިއަމް ފަޅީގައި) 10 ޖާގަ، ޞަލާޙުއްދީން ޕާކިންގ ޒޯނުން 10 ޖާގަ އަދި ހ. އަލިމަސް ކާނިވާ ސަރަހައްދުން 6 ޖާގަ ހިމެނެއެވެ.

މީގެ އިތުރުން ހަމައެކަނި ޕްރައިވެޓް ކާރުތައް ޕާކުކުރުމަށް 24 ޖާގައެއް ކުއްޔަށް ދިނުމަށްވެސް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވެއެވެ. މި 24 ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗް ޕާކިންގ ހިމެނޭ ސަރަޙައްދުން ޗައިނާ އެމްބަސީ ކުރިމަތިންނެވެ.