ޚަބަރު

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ރާއްޖެއަށް މުހިއްމު: ނާއިބު ރައީސް


އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ ރައްޖެއަށާއި މި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޔޫ.އޭ.އީ އަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގައި ބައިވެރިވެވަޑައިގެންނެވުމަށް އަބޫދާބީއަށް ކުރައްވާ ދަތުރުފުޅުގައި ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރުރަނިލް ވިކްރަމަސިންގހަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރާތުގައި ދެބޭފުޅުން ވަނީ ކޮވިޑުގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ކޮވިޑުގެ ޙާލަތުން އަރައިގަތުމަށް ދެ ޤައުމުން ކުރަމުންދާ މަސައްކަތްކަތްތަކުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ބަހައްޓަވާ ގާތްކަމަށާއި ދީލަތި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ސްރީލަންކާއިން ވެދެއްވާ އެހީތެރިކަށް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. ޙާއްޞަކޮށް ވޮކޭޝަނަލް އެޑިއުކޭޝަނަށާއި، ޞިއްޙީ ދާއިރާގެ ތަޢުލީމަށް ސްރީލަންކާ ސަރުކާރުން ދެއްވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ތިމާވެށީގެ ޙިމާޔަތަށް ރާއްޖެއިން ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުން އަންނަ ކަމަށާއި، އަދި އެމަނިކުފާނުވަނީ މުޅި ދުނިޔެ ވެސް ތިމާވެށީގެ ދާއިރާއިން މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ ރައްޖެއަށާއި މި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރުވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާ ގޮތް އޮޅުންފިލުއްވާފައެވެ. އަދި މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮވިޑްގެ ޙާލަތަށްފަހު ފަތުރުވެރިކަމުގެ ސިނާއަތް މިހާރު މަޑުމަޑުން ރަނގަޅުވަމުންއަންނަކަން ފާހަގަކުރައްވާފައެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ސްރީލަންކާގެ ޙާލަތުގެ ސަބަބުން އަވަށްޓެރި ޤައުމުތަކަށް، ޚާއްޞަކޮށް ރާއްޖެއަށް އަސަރުކުރާނެ ކަމަށް ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބޭފުޅުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމަނިކުފާނު މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 8 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުއެވެ.