ދުނިޔޭގެ ވިޔަފާރި

ޖަޕާނުގެ އިޤްތިޞާދަށް ކުރިއެރުން


ޖަޕާނުގެ ޢާއްމު ޚިދުމަތުގެ ދާއިރާއަށް ބޮޑުތި ކުރިއެރުންތަކެއް އައިސްފައިވާކަމަށް އެޤައުމުގެ އިޤްތިޞޯދީ ދިރާސާތަކުން ދައްކައިފިއެވެ.

ދިރާސާތަކުން ދައްކާގޮތުން މިދިޔަ ނޮވެމްބަރމަހު އަލަށް ހުޅުވި ވިޔަފާރިތަކާއިއެކު ފާއިތުވި ދެއަހަރު މައްޗަށް ނުދާވަރަށް އެޤައުމުގެ ޢާއްމު ޚިދުމަތުގެ ދާއިރާ ވަނީ ފުޅާވެފައެވެ.

މި ކުރިއެރުން އައިސްފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށްއައި ހީނަރުކަމުން އަރައިގަތުމުގައި ތަރައްޤީވެފައިވާ އެހެން ޤައުމުތަކަށްވުރެ ފަހަތުގައި ޖަޕާން ވަނިކޮށެވެ. އެޤައުމުގެ ވިޔަފާރިވެރިން ފާހަގަކުރާގޮތުގައި 2020 ވަނަ އަހަރުން ފެށިގެން ޖަޕާނުގެ އިޤްތިޞާދު ހީނަރުވެފައި އޮތުމަށްފަހު މިހާރު މުދަލަށް އޮތް ޑިމާންޑު ދަނީ އިތުރުވަމުންނެވެ. ޚާއްޞަކޮށް ކޯވިޑާއި ގުޅިގެން އެޤައުމުގެ ބައެއް ސަރަޙައްދުތަކުގައި އިޢުލާންކޮށްފައި އޮތް ކުއްލި ޙާލަތު އުވާލުމުން ވިޔަފާރިކުރަން ނިކުންނަ މީހުން ގިނަވެ، ވިޔަފާރިތަކަށް ރަނގަޅު ބަދަލެއް އައިސްފައިވާކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ.

ކުރިއަރާފައިވާ ވިޔަފާރިތަކުގެ ތެރޭގައި ޖަޕާނުގެ އިޤްތިޞާދަށް ސީދާ އަސަރުކުރުވާ ރެސްޓޯރަންޓުގެ ޚިދުމަތްދޭ ތަންތަނާއި ހޮޓެލް ވިޔަފާރި ހިމެނެއެވެ. ޖަޕާނަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮތް ޤައުމެވެ.