ކުޅިވަރު

އެމްޕީއެލް އާއި ދިވެހި ސިފައިންގެ ކްލަބް 2ވަނަ ބުރަށް


ސަރުކާރު އޮފީސް، ކުންފުނިތަކަށް އަމާޒްކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތުގެ ދެވަނަ ބުރުން އެމްޕީއެލް އާއި ދިވެހި ސިފައިންގެ ކްލަބް ޖާގަ ހޯދައިފިއެވެ. މިމުބާރާތުގެ ދެވަނަ ބުރުން އެމްޕީއެލް ޖާގަ ހޯދީ ކްލަބް 220 (ޕީޖީ އޮފީސް) ބަލިކޮށްގެންނެވެ. އެއީ 6 ލަނޑު 2 ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ގޯލް ޖަހާނެ ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އެންމެ ނުރައްކާތެރި ހަމަލާތައް އުފައްދާފައިވަނީ އެމްޕީއެލްއިންނެވެ.

މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މެޗުގެ ދެވަނަ ހާފްގައި އެމްޕީއެލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި މެޗްގެ ދެވަނަ ހާފް ޑޮމިނޭޓްކޮށްފައެވެ. މިމެޗްގައި އެމްޕީއެލްއިން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޔަފާއު، އަޙުމަދު ނިޒާމް، ނާއިހު މުފީދު، އިބްރާހީމް ސަނޫން، ސިނާން އިބްރާހިމް ރަޝީދު އަދި ހަސަން ނިމާލެވެ. އަދި ޕީޖީ އޮފީހުން ޖެހި 2 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ސާމިހާއި ޢަބްދުލްވާހިދު އިބްރާހިމެވެ.

ގުރޫޕް ޖީގައި ކުޅުނު ދެވަނަ މެޗްގައި ދިވެހި ސިފައިންގެ ކުލަބުންވަނީ ފަސޭހަކަމާއެކު ސިވިލް ކޯޓް ބަލިކޮށްފައެވެ. އެއީ 4 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި ދިވެހި ސިފައިންގެ ކުލަބްގެ ގޯލްތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ފާރިޝް އަޙުމަދު، އަހުމަދު ޝައިހާން ޖަލީލް، މުހައްމަދު އަލާއު އަދި އިބްރާހިމް ތޯއިފެވެ. ގްރޫޕް ޖީގެ އެއް ވަނަ އެމްޕީއެލްއިން ހޯދި ތިން މެޗްވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައިވާ ސިފައިނަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ކްލަބް 220 އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ސިވިލް ކޯޓް މުބާރާތް ނިންމާލަން ޖެހުނީ އެއްވެސް ޕޮއިންޓްއެއް ނުލިބިއެވެ.