ރިޕޯޓް

ޓުއަރިޒަމް މިނިސްޓަރ ޗައިނާއަށް ފުރާވަޑައިގެންފި


އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭ އެޅުމަށް ބޭނުންވާ ފައިސާގެ ލޯން އެހީގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި، ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު، ޗައިނާއަށް ފުރާވަޑައިގެންފިއެެވެ.ޓުއަރިޒަމް މިނިސްޓަރ ޗައިނާއަށް ކުރައްވާ މި ދަތުރުފުޅުގައި، އެއަރޕޯޓްގެ އާ ރަންވޭ އެޅުމާއި ގުޅޭގޮތުން ޗައިނާ ސަރުކާރާއެކު އެންމެ ފަހުގެ މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަޝްވަރާތަކުގައި އެމަނިކުފާނާއެކު، ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހަމަދު ހުޝާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުނައްވަރު ބައިވެރިވެވަޑައިގަންނަވައެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރ ޖެނެރަލް އާދިލް މޫސާވެސް ބައިވެރިވެޑައިގަންނަވާނެއެވެ. ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އެއާރޕޯޓުގެ އާ ރަންވޭގެ މަސައްކަތް ކުރުމަށް ޗައިނާގެ ބީ.ޔޫ.ސީ.ޖީ ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކުރުމަށް ނިންމަވަފާއިވާކަމަށެވެ. އަދި މި މަޝްރޫޢަށް 373 މިލިއަން އެމެރިކާ ޑޮލަރުގެ ލޯން އެހީ ޗައިނާގެ އެގްޒިމް ބޭންކުން މިހާރު ހަމަޖެހިފައިވާކަމަށާއި، އެކަމާއި ގުޅޭ އެންމެ ފަހުގެ މަޝްވަރާތައް މިދަތުރުފުޅުގައި ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ސަރުކާރުން ހިންގަވާ ބިޔަ މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ އާ ރަންވޭ އެޅުމުގެ އަމަލީ މަސައްކަތް ފެއްޓެވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ ތެރޭގައެވެ. އެގޮތުން ޗައިނާ ސަރުކާރުގެ ލޯން އެހީގައި އެއަރޕޯޓުގައި 3600 މީޓަރުގެ އާ ރަންވޭ އެޅުމުގެ އިތުރުން، މިހާރު ބޭނުންކުރަމުންދާ ރަންވޭ ޓެކްސީ ވޭ އަކަށް ބަދަލުކުރެވިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިންޓަރނޭޝަނަލް ޓަރމިނަލްގެ ކައުންޓަރތައް އިތުރުކޮށް އެތަން ރީ- ޑިޒައިންކުރެއްވުމުގެ އިތުރުން ޑޮމެސްޓިކް ޓަރމިނަލަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް އެމް.އޭ.ސީ.އެލުން ދަނީ ކުރައްވަމުންނެވެ. މީގެ އިތުރުން އެއަރޕޯޓުގައި ފްލައިޓްތައް ޕާކްކުރުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމަށް އާ އޭޕްރަން އެއްވެސް ދާދިފަހުންވަނީ ހުޅުވާފައެވެ.